ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ ކަމުގެ ރިޕޯޓު ހަވީރު 5:06 ގައި އެ އިދާރާއަށް ލިބުނު ކަމަށެވެ.
މިހާދިސާގައި ލޯންޗުން މޫދައް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހަކު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލިފައި ވަނީ 4 އަހަރުގެ ކުޑަކުއްޖެއްކަމަށް ވެސް ވިދާޅުވިއެވެ.
"މިހާދިސާގައި ގެއްލިފައި ވަނިކޮށް ފެނުނު 2 މީހުން ތެރެއިން އެކަކު ވަނީ ނިޔާވެފަ، ނިޔާވެފައި ވަނީ އަންހެނެއް" ފުލުހުން ވިދާޅުވިއެވެ.
އެ އަންހެންމީހާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވީ ގެއްލުނު ކުއްޖާގެ މަންމައެވެ. އެއީ އުމުރުން 33 އަހަރުގެ މާލޭ ސިޓީއަށް ނިސްބަތްވާ މީހެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަން އަދި ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށެއް ނުދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އޮޅުވެލި ރިސޯޓް ކައިރިން ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ލޯންޗުގައި ދަތުރުކުރަމުން ދިޔައީ 12 މީހުން ކަމަށާއި، އޭގެ ތެރޭގައި ކުޑަ 2 ކުދިން ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ 3 މީހަކު މޫދައް ވެއްޓެން ދިމާވީ ލޯންޗަށް އެރި ރާޅަކާއެކުގައި ކަމަށެވެ.
"މައުލޫމާތު ލިބޭގޮތުގައި އެއީ ކުޑަ ދެކުދިންނާއި އެކުދިންގެ މަންމަ، އޭގެތެރެއިން އެއްކުއްޖަކު ނުފެނޭ" އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، ރާއްޖެއަށް މޫސުން ގޯސްވެފައި ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރައްވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ގަދަ ވިއްސާރަކޮށް، ގަދަވައިޖެހި ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކޮށްފަވެއެވެ. އަދި އުދައެރުން އެކަށީގެންވާކަމަށް ވެސް ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!