ރާއްޖޭގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައި މިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާއި، މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިއްޔެ މުޅި ރާއްޖެއަށް ސިހުން ގެނުވީ އުމުރުން 57 އަހަރުގެ އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު ޚަބަރުންނެވެ.

Ad
rt

"އަމާން ދަނގެތި އަނިޔާވެރި މަރާއެކު ބޮޑު ބިރުވެރިކަމަށް" ސުރުޚީގެ ދަށުން ނޫހަކުން ގެނެސްފައިވާ ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވަމުން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައިމިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމުން ކަމަށެވެ. އަދި މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހުމަކީ އަނެއް ސަބަބު ކަމަށް އުމަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަމެވެ." އުމަރު ވިދާޅުވެފަވެއެވެ.

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނީ، އޭނާ ޚަބަރެއް ނުވެގެން ހޯދަަމުން ދަނިކޮށް އިއްޔެގެ މެނދުރުފަހުގެ ވަގުތެއްގަ އެވެ. އެއާއެކު ދަނގެތީގެ މަޝްރަހު ހޫނުވެ އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހުން ވަނީ ފުލުހުންގެ ހިމާޔަތާއެކު އެރަށުން ބަލާފައެވެ.

މަހުމޫދުގެ މަރާ ގުޅިގެން އަދި ފުލުހުން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، އޭނާ މަރާލައި ކަމަށް ކުޑަ އާބާދީއެއް އޮތް ދަނގެތީގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށުން ބޭލި ތޮއްޑޫގެ ދެ މީހުންނަށެވެ.

މަހުމޫދުގެ ޖަނާޒާގެ ކަންތައްތައް ރަށުގައި ދަނގެތީގައި މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، އޭނާގެ މޫނު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮސްފަ އެވެ.

ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަކަމަށް އުމަރު ވިދާޅުވިއިރު، އުމަރު ގެންދަވަނީ 2023 ވަނަ އަހަރުގެ ސިޔާސީ ރޭހަށް ތައްޔާރުވަމުންނެވެ.