އެމެރިކާގެ އަސްކަރީ ސަބްމެރިންގެ ސިއްރުތަކެއް ވިއްކި އެމެރިކާ ނޭވީގެ އިންޖީނިއަރާއި އޭނާގެ އަންހެނުން އެފް.ބީ.އައި އަދި ނޭވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސާވިސްއިން ހައްޔަރުކޮށްފިއެވެ.

އެމެރިކާ ނޭވީގައި މަސައްކަތްކުރަމުން އަންނަ އިންޖީނިއަރު ޖޮނަތަން ޓޮއެބް އަދި އޭނާގެ އަންހެނުން ޑަޔާނާ ޓޮއެބް ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ތުހުމަތުކޮށެވެ. ޖޮނަތަންގެ އަންހެނުންނަކީ ޓީޗަރެކެވެ.

Ad
rt

އެފްބީއައި އަންޑަރ ކަވަރ އެޖެންޓާއި މުޢާމަލާތްކޮށް ސިއްރު މަޢުލޫމާތުތައް ހިއްސާކުރަމުން ދިޔައީ، ބޭރު ޤައުމެއްގެ ބާރު ގަދަ މީހެއްކަމަށް ސިއްރިއްޔާތުގައި މަސައްކަތްކުރާ އެފްބީއައި އެޖެންޓް ބުނުމުން ނެވެ.

މިދެމީހުން ހައްޔަރު ކުރުމަށްފަހު އެފްބީއައި އިން ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ސިއްރުތައް މިމީހުން ވިއްކަމުން އަންނަތާ އަހަރެއްހާދުވަސް ވެފައިވާކަމަށެވެ. މަޢުލޫމާތުތައް ފޯރުކޮށްދީފައިވަނީ އެސްޑީކާޑު ގަ އެވެ. އެގޮތުން ޕީނަޓް ބަޓަރ ޖަހައިގެން ހަދައިފައިވާ ސޭންޑްވިޗާއި، ބަބުލް ގަމް އަދި ބެންޑޭޖް ކޮޅު ލާފައި އިންނަ ކަރުދާސްގަނޑު ފަދަ ތަކެތީގައި ފޮރުވައިގެން އެސް.ޑީ ކާޑުތައް ފޯރުކޮށްދީފައިވާކަމަށް ބުނެފައި ވެއެވެ.

އުމުރުން 42 އަހަރުގެ ޖޮނަތަން އަކީ ނޭވަލް ނިއުކްލިއާ ޕްރޮޕަލްސަން ޕްރޮގްރާމްގެ ޑިޕާޓްމަންޓް އޮފް ނޭވީގައި ނިއުކްލިއާ އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރެކެވެ. މީގެ އިތުރުން އޭނާއަކީ ޔޫ.އެސް ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ސިއްރު ޑޭޓާތަކަށްވެސް ވަދެވޭ ފާހެއްދީފައިވާ މީހެކެވެ.

ތަޙުގީގަށް ޖޮނަތަން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ ޕާރްސަލް ފޮނުވީ މިއަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެގޮތުން ސިއްރު ޑާޓާއަކާއި އެކު އިތުރަށް މަޢުލޫމާތު ބޭނުންނަމަ ކަންކުރަންވީ ގޮތް ބަޔާންކޮށް ޖޮނަތަން ލިޔެފައިވާ ސިޓީއަކާއި އެކު ފުރަތަމަ ޕާރްސަލް ފޮނުވާފައިވަނީ، ޕެނިސިލްވޭނިއާގެ ޕިޓްބާގްގެ އެޑްރެހަކަށެވެ.

އޭނާ ލިޔެފައިވާ ސިޓީގައި "އަހަރެން ބަސް ތަރުޖަމާކޮށް ލިޔެފައިވާ އެއްޗެއް ދޭހަވުމުގައި ދަތިތަކެއް ހުރެދާނެ. އަދި މީގައި ވާ މަޢުލޫމާތު ކަލޭގެ ޤައުމުގެ އަސްކަރީ ބާރުތަކާއި ހަމައަށް ފޯރުކޮށްދީ" އަދި މީގެން އަސްކަރީ ބާރުތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ހުންނާނެކަމަށް ބުނެ ލިޔެފައިވާކަމަށް އޭނާދީފައިވާ ހެކިބަހުގައި ބުނެފައިވެއެވެ.

އެއަށްފަހު ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން މުޢާމަލާތްތައް ކުރުމަށް ނިންމައި ޑޭޓާތައް ފޯރުކޮށްދިނުމަށް އެތައް މަސްތަކެއްވަންދެކަށް އޭނާ ވަނީ “ޕްރޮޓަން މެއިލް އެންކްރިޕްޓެޑް މެއިލް” މެދުވެރިކޮށް ވާހަކަ ދައްކަމުންނެވެ.

ޖޫން މަހު 8 ވަނަ ދުވަހު 10،000 އެމެރިކާ ޑޮލަރުގެ ޕޭމަންޓްއެއް ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން އޭޖެންޓްވަނީ ފޮނުވާފައެވެ. ޖޫން 26 ގައި އެ ދެމަފިރިން ވަނީ ވެސްޓް ވާޖީނިއާއަށް ދަތުރުކޮށް ޕީނަޓް ބަޓަރ ޖަހާފައިވާ ސޭންޑްވިޗްއެއްގެ ތެރެއަށް އެސް.ޑީ. ކާޑު ލުމަށްފަހު އޭޖެންޓް ބުނެފައިވާ ތަނެއްގައި އޭތި ބާއްވާފައެވެ.
އެސް.ޑީ ކާޑު ލިބުނުކަމަށް ބުނެ އޭޖެންޓްވަނީ އޭނާއަށް 20،000 އެމެރިކާ ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ފޮނުވާފައެވެ.

އިތުރު ދެފަހަރެއްގެމަތިން ޑްރޮޕް ލޮކޭޝަން ބޭނުންކޮށްގެން ކާޑާއި އެންކްރިޕްޓް ކޯޑް ފޮނުވާފައިވާއިރު މި ދެމަފިރިން ހައްޔަރުކޮށްފައިވަނީ ވެސްޓް ވާޖީނިއާއަށް އެމީހުން ހަތަރު ވަނަ ފަހަރަށް ޑޭޓާ ހަވާލުކުރުމަށް ދިޔަ ދިއުމުގައެވެ. އެކިފަހަރުމަތިން ލައްކައެއްހާ ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ މިދެމަފިރިންނަށް ޖަމާކޮށްފައި ވެއެވެ.

އެފް.ބީ.އައި އާއި ނެވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސަރވިސްއާއި ޑިޕާޓްމެންޓް އޮފް އެނާރޖީ ގުޅިގެން މިމައްސަލަ އިތުރަށް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މިމައްސަލައިގައި އެމެރިކާގެ އަސްކަރީ ސަބްމެރިންނާއި ބެހޭ މުހިއްމު މަޢުލޫމާތުތަކެއް އެކުލެވިފައިވުމުން މިއީ ވަރަށް ނާޒުކު މައްސަލައެއްކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ބީ ގާލެންޑް ވަނީ ވިދާޅުވެފައެވެ.