"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ސްރީލަންކާއާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ރާއްޖެ ޓީމުން ބޮޑު ކޮށްފިއެބެ. މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުވެސް ރާއްޖެ ޓީމުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތިން މެޗުފަށައިގެން ލަންކާ ޓީމަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވެނީސް ދިވެހި ޓީމުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ދަގަނޑޭ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ހައިޝަމް ހަސަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ދަގަނޑޭ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ދެން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ލަންކާގެ ގޯލުގެ އޭރިއާގެ ތެރޭހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އެއްނަމްބަރު ކީޕަރު މުޙައްމަދު ފައިސަލްއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެން އަރާފައި ވަނީ މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ޤައުމީ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ލަންކާ ޓީމަށް ތަނަވަސް ކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި އެ ޓީމު ކުޅެފައިވަނީ ފަހަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖެ ޓީމުން ވަނީ ކައިރިކައިރީގައި ލަންކާގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. ހަމްޒާ ފޮނުވާލި ބާރު ހަމަލާ ލަންކާގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޭގެ ކުޑައިރުކޮޅެއްފަހުން ދަގަނޑޭ ފޮނުވާލި ހަމަލާ މަތަކޮށްފައި ވަނީ ލަންކާގެ ކީޕަރެވެ. މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރާއިފްއަށް ވެސް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ލަންކާ ޓީމުން ވަނީ އެ ޓީމް ކުރިއަށް ޖައްސައި ރާއްޖޭގެ ޓީމަށް ބާރު ބޮޑުކޮށް ލަނޑު ޖަހާނެ ފުރުޞަތު ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ލަންކާ ޓީމްގެ އިޝާންގެ ނުރައްކާތެރިކަން އެ ވަގުތުގައި ފާހަގަވެގެން ދިޔައެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަންކާގެ ފަޒަލް ފޮނުވާލި ހަމަލާ ވަނީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.

މި މޮޅާއިއެކު ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ހަ ޕޮއިންޓާއިއެކު ރާއްޖެ ދެވަނާގައި އޮތްއިރު އެއްވަނާގައި ހަ ޕޮއިންޓާއި އެކު އޮތީ ނޭޕާލެވެ. މިރޭ ނޭޕާލާއި އިންޑިއާ ބައްދަލުކުރާ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ ނޭޕާލަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވެގެންދާނެއެވެ. މި މެޗުން ބަލިވި ލަންކާ މި މުބާރާތުން ވަނީ ކަޓާފައެވެ.

ރާއްޖެއަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ.