އަތޮޅު ޤުރުއާން މުބާރާތުގައި ރަށް ތަމްސީލުކުރާނެ ދަރިވަރުންގެ ޓީމު ނެގުމަށް ހދ. ނޮޅިވަރަމު ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި އެވެ.
މި މުބާރާތަކީ ނޮޅިވަރަމް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ގުރުއާން މުބާރާތެވެ. ޖުމްލަ 87 ދަރިވަރުނާއެކު ކުރިއަށްދާ މި މުބާރާތް ފަށައިފައިވަނީ އިއްޔެ މެންދުރު 14:00 ގައެވެ. 2 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މުބާރާތް މިއަދު ނިމިގެންދާނެ ކަމަށް ނޮޅިވަރަމު ކައުންސިލުން ވިދާޅުވެއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނޮޅިވަރަން ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް އަލީ އަބްދުއްރަހްމާން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފްވެރިމެހެމާނު ވަނީ ގުރުއާނުގެ އިލްމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ތުއްތު ކުދިން ޤުރުއާނަށް އަހުލުވެރިކުރުވުމަށް މިފަދަ މުބާރާތްތައް ބޭއްވިގެން ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަލީ އަބްދުއްރަހުމާން ވަނީ މިފަދަ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް ބަހާލެވިފައިވަނީ 6 އުމުރު ފުރަޔަކަށެވެ. އަދި ކިޔެވުމަށް ވަނީ ތިން ގޮފި އުފައްދާފައެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން އަލަށް އުފައްދާފައިވާ 'ވިދާތަރި' ގޮފި ހިމެނެއެވެ.
ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓަރ މުހައްމަދު މުޞްޠަފާ ވިދާޅުވި ގޮތުގައި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ގުރުއާން މުބާރާތައް ރަށް ތަމްސީލުކުރާނެ ދަރިވަރުން ހޮވުމެވެ.
އަދި ފާއިތުވި އަހަރު އަތޮޅު ގުރުއާން މުބާރާތުގައި ނޮޅިވަރަމަށް ލިބުނު އެއްވަނަ ދިފާއުކޮށް، އިތުރުވަނަތައް ހޯދުންކަންވެސް މުޞްޠަފާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އަތޮޅު ގުރުއާން މުބާރާތައް ދަރިވަރުން ތައްޔާރުކުރުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއްދީގެން އެ މަސައްކަތްކުރައްވާނެކަމަށާއި އަމާޒަކީ ޤައުމީ ފެންވަރުގައި ރަންވަނަ ތަކެއް ރަށައް ހޯދުންކަމަށްވެސް މުޞްޠަފާ ވިދާޅުވިއެވެ.
މުސްތަފާ ވަނީ މި މުބާރާތް އިންތިޒާމްކޮށް ހިންގުމަށް އެހީތެރިކަން ފޯކޮއްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިން ޤުރުއާނަށް ދޭ ސަމާލުކަށް ފާހަގަކޮށް އެފަރާތް ތަކަށް ވެސް ޝުކުރުއަދާކުރައްވާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!