މި ދިވެހި ޤައުމަށް ބޭނުންވެފައި ވަނީ އުތީމު ބޮޑުތަކުރުފާނު ފަދަ، ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮލަދޭނެ ކެރޭ، މުރާލި ވަފާތެރި ދަރީންކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކޮށްފައިވަނީ ހއ. އުތީމުގައެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

Ad
rt

އިއްޔެ އުތީމުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، ޤައުމީދުވަސް ބައްދަލުކުރުމުން ހިތްތަކުގެ ދިރުން އާލާވެގެން ދާކަމަށާއި، ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ކައްކުވާލާ ކަމަށެވެ. އަދި ޤައުމީ ރޫޙާއެކު ޤައުމީޖޯޝް ކެކިއުތުރިއަރާ ކަމަށާއި، ހަށިގަނޑުގައި ޖަހަމުންދާ ވިންދުގެ ޙަރަކާތް ހަލުއިކަމާއެކު އިތުރަށް ދައުރުވާކަމަށެވެ.

އެހެން ދިމާވާ ސަބަބަކީ މިލޮބުވެތި ޤައުމު އޭރުގެ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗްގީޒުންގެ އަޅުވެތި ކަމުގެ ދަށުގައި ވަނިކޮށް ކުޑަކުޑަ އުތީމުން ނުކުމެ ވަޑައިގެންނެވި މުޅިޤައުމު އެބޭފުޅަކަށްޓަކާ ފަޚުރުވެރިވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމާ އެތަކުރުފާނުގެ ހިތްވަރުފުޅުގަދަ ފަހުލަވާނުން މާތް ވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރައްވާ ނަސްރާއި ފަތަޙަ ހޯއްދަވާފައިވާތީ ކަމަށް ރަޝީދު ވިދާޅުވިއެވެ.

"އެއްވެސް ވަރުބަލިކަމެއް އަމިއްލަ އެދުމެއްނެތި ދީނާ ދިވެހި ޤައުމަށްޓަކާ ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވާ
އެވަރުގަދަ ލަޝްކަރު ބަލިކޮށް ފުނޑު ފުނޑު ކޮށްލައްވާފައިވާތީ، އަދި ކީއްތޯ އަތްވަކަށް ވާރެއަކަށް ފިންޏަކަށް ހޫނަކަށް ބެއްލެވުމެއްނެތި އަނގަމަތި މަސްއޮޑިއެއްގައި ނުހަނު ހީވާގި ކަމާއެކު މިމަތިވެރި ޖިހާދު ކުރައްވާފައިވާތީ" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިޤައުމަށް ބޭނުންވަނީ ކެރޭ ހީވާގި ތެދުވެރި ވަފާތެރި ދަރީން ކަމަށާއި، ޤައުމަށް ދިމާވާ މިފަދަ ބޮޑެތި ކަންކަމުގައި ފަހަތަށްނުޖެހި ހިތްވަރު ޢަޒުމާއެކު ޤައުމަށްޓަކާ މޭ އައްޑަނަކަށް ދިއްކޮށްލަދޭނެ ކުޅަދާނަ ދިވެހި ދަރީން ކަމަށެވެ. އަދި މިނިވަން ކަމުގެ ދިފާޢުގައި އަތުކުރި އޮޅާލާ ހިތްމަތުގެ ކަމަރު ބަނދެލައިގެން ދުޝްމަނުންނާ ހަނގުރާމަ ކުރަން ތެދުވާނެ ނޫކަށި ފުރައިގެ ޒުވާން ފަހުލަވާނުން ކަމަށެވެ.

މިކަން މިގޮތަށް ކުރެވޭނީ ޤައުމިއްޔަތުގެ ރޫޙް ދިރުވައިގެން، ވަތަނީލޯބި އުފައްދައިގެން ކަމަށާއި، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަމިއްލަ އެދުން އެއްފަރާތްކޮށް ޤައުމީ މަޞްލަޙަތު އިސްކޮށްގެން، މީ އަޅުގަނޑުމެންގެ ލޯބިވާ ޤައުމު، އަޅުގަނޑުމެން އެބިމަކަށް ނޭވާލާ މިނިވަން ދިދައެއްގެ ހިޔަލުގައިތިބި ފަޚުރުވެރި ދިވެހި ޤައުމު، ކާބަފައިންގެ ހިތްމަތް މިންނަތާއެކު އަޅުގަނޑުމެންނާ ހަމައަށް ވާޞިލްކޮށްދެއްވި އަމާން ދިވެހި ޤައުމު، ކަންމިހެން އޮތުމާއެކު ލޮބުވެތި މިދިވެހި ޤައުމަށް އެއްވެސް ފަރާތަކުން ޣައްދާރު ވެގެންނުވާނެ،" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤައުމު އަޅުވެތި ކުރުމަށް ޖާގަ ދީގެންނުވާނެ ކަމަށާއި، ޤައުމުގެ ވަޙްދަތާއި އިސްތިޤްލާލަށް އުނިކަމެއް އަންނާނެފަދަ ގޮތަކަށް ހަމަހިލާ ފުރުޞަތެއް ދީގެންނުވާނެ ކަމަށެވެ.

އަސްވިއްކިޔަސް ލަގަން ވިއްކައިގެން ނުވާނޭ ބުނާފަދައިން މިޝަރަފްވެރި ދިވެހި ޤައުމުން އެއްވެސް ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ދެވިގެންނުވާނެ ކަމަށާއި، މިފަދަ ކަންކަމުގާ މާޒީގެ ފިލާވާޅުތަކުން ޢިބްރަތް ޙާޞިލްކޮށް އަންނަންއޮތް ޖީލުތަކަށް އަމާނާތް ތެރިކަމާއެކު މިޤައުމު ވާޞިލް ކޮށްދޭންޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ދުޝްމަނުންނާ ޢަދުއްވުންގެ ވަކިތައް ދިވެހި ބިމުން ލުހެލަންޖެހޭ ކަމަށާއި، އެހެންނޫންނަމަ ފަހުން ކަރުނައަޅާ ރޯންޖެހޭނެކަމީ ޝައްކެއް އޮތްކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.