މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 11 ބޭފުޅަކަށް ރޭ ދީފިއެވެ.
މި އިނާމްތައް ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.
މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދި ބޭފުޅުން ތެރެއިން އެންމެ މަތީ ދަރަޖައިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިގެން ށ. ފޯކައިދޫ، ނިޔާމަ، އާމިނަތު ހުމައިދާއަށް ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިލައްވާފައެވެ.
ހުމައިދާ ވަނީ ގައުމީ ޔުނިވާސިޓީއިން 2021 ވަނަ އަހަރު، ބެޗްލާސް އޮފް އާޓްސް ޓީޗިން އިން ފޮރިން ލޭންގްއޭޖް ކޯހުން 1 ވަނަ ހާސިލްކުރައްވާފައެވެ. ހުމައިދާ މިހާރު ހުންނެވީ ފޯކައިދޫ ސްކޫލްގެ ސެކެންޑަރީ އިންގްލިޝް ޓީޗަރުގެ މަގާމުގައެވެ.
ހުމައިދާގެ އިތުރުން މި ކެޓަގަރީން މި އިނާމް ލިބިލެއްވީ އާމިނަތު ތިޒްކާރު ޔޫސުފް މ. މައިމަގުމަތީގެއާގެ އަދި ޝާމިލާ އިދުރީސް ހިރުދުމާގެ ބ. ކެންދޫ އަށެވެ.
އެންމެ މަތީ ދަރަޖައިން މާސްޓާސް ޑިގްރީ ހާސިލްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިިބިލެއްވީ ޢާއިޝަތު ޒިލްމާ ކަށިމާގެ ސ. ހުޅުދޫ އަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅަކަށް ވެސް ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާފައެވެ. އެ ބޭފުޅުންނަކީ،
1. ޑޮކްޓަރ މުޙައްމަދު މުނީޒް ހ. އެލްޕާޝޯ
2. ޑޮކްޓަރ ފާޠިމަތު ނިޝާން މ. އޯޑެންއެވެނިއު
3. ޑޮކްޓަރ މުޙައްމަދު ޒާހިރު ގ. މާލެހިޔާ 1 03-18
4. ޑޮކްޓަރ މަރްޔަމް ޝަރީފާ އަގޮޓީގެ ސ. ހިތަދޫ
5. ޑޮކްޓަރ ޢާއިޝަތު ވަޙީދާ މާފަހި ޅ. ކުރެންދޫ
6. ޑޮކްޓަރ ވިސާލު މޫސާ އަންނާރުގަސްދޮށުގެ ކ. ކާށިދޫ
މީގެއިތުރުން ރޭގެ ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވިއެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވެސް ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!