ދަރިފުޅު ކޮނޑަށް ލައިގެން ދަނިކޮށް ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަ މަންމަ، ވަސީމާ މޫސާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް ހަދިޔާ ކޮށްފިއެވެ.
މިދިޔަ ހަފުތާގައި އާއްމުވި މި ވީޑިއޯއިން ފެންނަނީ ވަސީމާ އޭނާގެ ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ހިޔާ ފްލެޓުތަކާ ހިސާބަށް ހިނގާފައި ގެންދާ މަންޒަރެވެ. މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ.
ވަސީމާ އަށް ލިޓަސް އިން ހަދިޔާކުރީ ޔަމަހާ ފްރީގޯ ސައިކަލެކެވެ. މި ސައިކަލުގެ އިތުރުން ދެ އަހަރު ދުވަސް ވަންދެން ހިލޭ ސާވިސްކޮށްދިނުމާއި ދެ އަހަރު ދުވަހަށް ބޭނުންވާ ޕެޓްރޯލް ހަރަދު ވެސް އެ ކުންފުނިން ދޭނެއެވެ.
ލިޓަސް އިން ވަނީ ވަސީމާ ހޯދަން އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އިޖުތިމާއީ ޒިންމާގެ ދަށުން އެހެން ކުންފުނިތަކުން ވެސް އެހީވުމަށް ލިޓަސް އިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!