ބައިނައްލަޤްވާމީ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެޕް ކައުންޓިން ކެމްޕޭނަކާއި ހެލްތީ މީލް ޗެލެންޖެއެއް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ފެށި މި ކެމްޕޭނުގައި ބައިވެރިވުމަށް ސްޓެޕް ކައުންޓިން އެޕްއެއް ބޭނުންކޮށްގެން ނުވަތަ ސްޓެޕްސް ކައުންޓްކޮށްގެން ފިޒިކަލް އެކްޓިވިޓީ ރެކޯޑް ކުރުމަށްފަހު ދުވަހުގެ ރިކޯޑް ފޮޓޯއާއި އެކު ސޯޝަލް މީޑިއާގެ ޓްވިޓާ، ފޭސްބުކް ނުވަތަ އިންސްޓަގްރާމްއިން ހޭޝްޓެގް "ޔޫޒް ހާޓް ޓު ބީޓް ސީވީޑީ" ޖެހުމަށް އެ އިދާރާއިން އެދިފަވެއެވެ.

Ad
rt

މީގެއިތުރުން ހެލްތީ މީލް ޗެލެންޖް ގައި ބައިވެރިވުމަށް ސެޕްޓެމްބަރުމަހުގައި ކެއުމުގައި ބޭނުންކޮށްފައިވާ ސިއްޙަތަށް ފައިދާހުރި ކާނާގެ ފޮޓޯތައްވެސް ހޭޝްޓެގް "ހެލްތީ މީލް ޗެލެންޖް" އާއި "ޔޫޒް ހާޓް ޓު ބީޓް ސީވީޑީ" ޖެއްސެވުމަށްފަހު ސޯޝަލް މިޑިއާގައި ޝެއާ ކުރުމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ވަރަށް މުޙިއްމުކަމެއްކަން ފާހަގަކޮށް މިޗެލެންޖަކީވެސް މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭކަމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. މިއީ އެ އިދާރާއާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ ޗެލެންޖްއެކެވެ.

ޓައިނީ ހާޓްސްއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ހިތުގެ ބަލީގެ ކުދިންނަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އަދި މި ޖަމިއްޔާއަކީ ވޯލްޑް ހާޓް ފެޑެރޭޝަންގެ މެމްބަރެއްގެ އިތުރުން މޯލްޑިވްސް އެން.ސީ.ޑީ އެލައިސްގެ ކޯ ފައުންޑަރ ވެސްމެއެވެ.

ޓައިނީ ހާޓްސްއިން އަންނަނީ ދިވެހިރާއްޖޭގައި ހިތުގެ ބަލިތަކަށް މީހުން އަހުލިވެރިކޮށް ހާއްސަކޮށް ތުއްތު ކުދިންނަށް ދިމާވާ ހިތުގެ ބަލިތަކާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް އެކި ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ ޖަމިއްޔާއަކީ ހިތުގެ ބަލިތަކުގެ ކުދިންނަށް އެހީތެރިކަންވެސް ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.