މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ސޮއި ކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ އެ މިނިސްޓްރީއާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކުގެ މައްޗަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް އެފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިނގޭ ހަރަކާތްތަކާއި ޙިދުމަތްތައް މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ވިދާޅުވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން ދިވެހި ރެޑް ކްރެސެންޓްއިން ވިދާޅުވެފައި ވަނީ، މި އެއްބަސްވުމާއެކު ޖެންޑާ މިނިސްޓްރީއާއެކު ކުރެވޭ މަސައްކަތުން މުޖުތަމައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރާކަމަށެވެ.

ޖެންޑާ މިނިސްޓްރީއިން އަންނަނީ މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުވުމަށް ކަމާއިބެހޭ އެކި އެކި ފަރާތްތަކާއި އެކު އެކި ފެންވަރުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޕްރޮގްރާމްތައް ހިންގަވައި، މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ރެޑް ކްރެސެންޓްއަކީ އެ ޖަމިއްޔާ އުފެދުނު ދުވަހުން ފެށިގެން ދިވެހި މުޖުތަމައަށް ހިލޭސާބަހަށް ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް ކުރަމުންއަންނަ ޖަމާއަތެކެވެ.