ހއ. ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ހއ. އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމެވެ.

Ad
rt

ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުން ހިމެނޭކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގައި ދިނުމާއި، ދިވެހި އުފެއްދުންތައް " އޮތެންޓިކް މޯލްޑިވްސް " މެދުވެރިކޮށް ވިއްކޭނެ މަގު ފަހިކޮށް ދިނުމާއި، ވިޔަފާރީގެ ދާއިރާގައި ކަނބަލުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރުން، ބިޒްނަސް ސެންޓަރުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސެންޓަރުގެ ޚިދުމަތާ ބެހޭގޮތުން ބޭއްވުނު ފުރަތަމަ ސެޝަން އޮތީ ހއ. އަތޮޅު ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒް ކުރައްވައިގެން ކަމަށް އެ ކައުންސިލުން ހާމަކުރެއްވިއެވެ. އަދި މިހާރު ދަނީ ދިއްދޫގައި ހުރި އެކި މުއައްސަސާތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަމުން ކަމަށްވެސް ވިދާޅުވިއެވެ.

ހއ. އަތޮޅު ކެލާ، ވަށަފަރު، ދިއްދޫ، ފިއްލަދޫ، އުތީމު، މުރައިދޫ އަދި ބާރަށަށް ދިއްދޫ ބިޒްނަސް ސެންޓަރުގެ ޚިދުމަތް ލިބޭނެއެވެ. އަދި މީގެ ދެވަނަ ސެންޓަރެއް ހއ. އިހަވަންދޫގައި ހުޅުވިފާވާއިރު އެ ސެންޓަރުން ޚިދުމަތް ދޭނީ އެ އަތޮޅު ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ އަދި ތަކަންދޫ އަށް ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

"މިފަދަ ސެންޓަރެއް ހއ. އަތޮޅުގައި ހުޅުވިގެން ދިއުމަކީ، ޒުވާން ވިޔަފާރިވެރިން އުފެއްދުމާއި ކުދި ވިޔަފާރިތައް ހިންގުމުގައި އަތޮޅަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ."

ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ދިއްދޫ ބިޒްނަސް ސެންޓަރު ހުންނާނީ ހއ. އަތޮޅު ކައުންސިލް އިދާރާގެ މީރާ ސެންޓަރުގެ ހުޅަނގުގައި ހުންނަ ސީ. ބްލޮކްގައެވެ.