އިންޑިއާގައި އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވުމުގެ ހިތާމާގައި އެމްއެންޑީއެފްއިން ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ ހުރިހާ ޔުނިޓްތަކާއި، އޭރިއާ ކޮމާންޑްތަކުގައި މިއަދު ބޭއްވި މާސްޓަރ ޕެރޭޑްގައި ވަނީ މި ސްކޫތު ގެނެސްފައެވެ.

Ad
rt

އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމަކީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ.

ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ.

"މިއަދު މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން ރޭ މީޑިއާތަކަށް ފޮނުވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފަވެއެވެ.

ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަމަށާއި، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 1 އިން 2004 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.