ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ މޫސާމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ޢާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެއިތުރުން ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

"ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ." މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފަވެއެވެ.

ރާއްޖެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު، ބުރިޖް އަދި ހައިވޭގައި ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.