ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި އިސްމާއިލް ޔާސިފް 40، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވެސް އޭނާ މަރުގެ އިންޒާރު ދީފިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިންޒާރުދިން މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާ އޭނާގެ މައްޗަށް މިހާރު ވަނީ އެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޖަލު ހުކުމް އިއްވުމުން ވެސް އޭނާ ވަނީ އިންޒާރު ތަކުރާރުކޮށް، ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނެފައެވެ.

Ad
rt

ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި މިއީ އޭނާގެ މައްޗަށް އަންނަ ދެވަނަ ހުކުމެވެ. އެގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާގެ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ވެސް ވަނީ 15 ދުވަހަށް ޖަލަށް ލާފައެވެ.

ފޭސްބުކްގައި "އިސްމާއިލް ޔާސިފް" ނަމަކަށް ކިޔާ އެކައުންޓަކުން މި މީހާ ރައީސް ނަޝީދަށް އިންޒާރު ދީފައިވާއިރު، އޭނާ ރައީސް ނަޝީދަށް އިންޒާރު ދެމުން ބުނީ އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ، "އަބޫޖަހުލަށް ހަދާލި ގޮތް" ހަދާލާނެ ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ، މެއި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން، އިތުރު ފަރުވާއަށެވެ. އެ މައްސާލާގައި 6 މީހެއްގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ވަނީ ކުށަށް އިއުތިރާފް ވެފައެވެ.