ކޯވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހަމުންއަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިންއަކީ ކުޑަކުދިން އެ ބަލިން ރައްކާތެރިކުރުމަށް މިހާތަނަށް ހޯދުނު އެންމެ ރައްކާތެރި ވެކްސިންކަމަށް ފައިޒާ އުފައްދާ ކުންފުނިތަކުން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފައިޒާ ވެކްސިން މިހާތަނަށް ޖަހައިފައިވާ ބޮޑެތި މީހުންނަށް ޑެލްޓާ ވޭރިއަންޓްއިން ކޮށްފައިވާ އަސަރު ކުޑައެވެ. އަދި ފައިޒާ ވެކްސިންއަކީ ކުޑަކުދިން ޖަހަން އެންމެ ރައްކާތެރި ވެކްސިންކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ރައްކާތެރިވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި ވެކްސިންގެ ރައްކާތެރިކަން ވަޒަންކުރުމަށް މިހާތަނަށް 12 އަހަރުން މަތީގެ 2268 ކުދިންގެ ގަޔަށް ފައިޒާ ވެކްސިންގެ 2 ޑޯޒް ޖަހައި ޓެސްޓްކޮށްފައިވާކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ. އަދި 2 ޑޯޒްގެ ދޭތެރޭގައި 21 ދުވަހުގެ މުއްދަތެއްދީފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް އެކުދިން ގަޔަށް ޖެހި ވެކްސިން އިން ރަގަޅު ނަތީޖާއެއް ލިބިފައިވާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް 15 އާއި 25 ދެމެދުގެ އުމުރުފުރާގެ ކުދިންނާއި މީހުންނަށް ސައިޑް އިފެކްޓްސް ކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ. ހާމަކޮށްފައިވާ ނަތީޖާއަކީ އެމެރިކާގައި އުފައްދާ ޓެސްޓް ކުރަމުން އަންނަ ފައިޒާ ވެކްސިން ކުޑަކުދިންނަށް ރައްކާތެރިތޯ ބެލުމަށް ކުރަމުން އަންނަ ދިރާސާގެ 3/2 ބައި ވެކްސިންގެ ނަތީޖާއެވެ. ބާކީ ބައި ފުރިހަމަ ކުރުމަށްފަހު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ މީހުންނަށްވެސް ކޯވިޑް 19 ޖެހިފައިވާކަން ފާގަކޮށް ވެކްސިން އުފައްދާ ކުންފުނިތަކުން ބުނެފައިވަނީ، ފައިޒާ ވެކްސިން ޖަހާފައިވާ މީހުންނަށް ބަލިޖެހުނު ނަމަވެސް ކުރާ އަސަރު ކުޑަކަމަށެވެ.

ފައިޒާ ވެކްސިން އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އަންނަނީ 5 އަހަރުން ދަށުގެ ކުދިންނަށްވެސް ވެކްސިން ދެވޭނެ މިންގަނޑުތައް ހޯދައި ބަލަމުންކަމަށާއި އަދި ތުއްތު ކުދިންނަށްވެސް ދެވޭނެ ވެކްސިންއެއްގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.

ކޯވިޑް-19 ބަލި ކުޑަކުދިންނަށް ޖެހޭއިރު އެކުދިންނަށް ދެވޭނެ ވެކްސިންއެއް އަދި މިހާތަނަށް ތައްޔާރުކުރެވިފައިއެއް ނުވެއެވެ.