އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު ހަނި ގޮތަކަށް އާސެނަލްއިން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތާޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ހިލޭޖެހުމަކުން އާސެނަލްއަށް ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަނަށް ރެއާލް މެޑްރިޑުން 30 މިލިއަން ޕައުންޑަށް އާސެނަލްއަށް ބަދަލުވި ނޯވޭގެ އުންމީދީ މިޑްފީލްޑް ކުޅުންތެރިޔާ މާޓިން އޮޑެގާޑެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރެފްރީ އެންތަނީ ޓެއިލާ ވަނީ ބާންލީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީވަނީ އެއީ ޕެނަލްޓިއެއް ނޫން ކަމަށް ނިންމާފައެވެ.
މި ސީޒަން ފަށައިގެން ދަށް ނަތީޖާތަކެއް ހޯދަމުން އައި އާސެނަލް މިއީ ޖެހިޖެހިގެން މޮޅުވި ދެވަނަ މެޗެވެ. އަދި މިއީ އާވޭ މެޗެއްގައި މި ސީޒަންގައި އެ ޓީމް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއި އެކު އާސެނަލް މިވަގުރު އޮތީ ކުޅުނު ފަސް މެޗުން ލިބުނު 6 ޕޮއިންޓާއި އެކު ތާވަލުގެ 12 ވަނާގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ސައުތެމްޓަންއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގައި ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް މުޅި މެޗުގައި ވެސް ސައުތެމްޓަންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ. މި މެޗުން އެއްވަރުވުމާއިއެކު ސިޓީ މިވަގުތު އޮތީ ކުޅުނު 5 މެޗުން ލިބުނު 10 ޕއިންޓާއިއެކު ތާވަލުގެ ތިން ވަނާގައެވެ.
ލީގުގައި ސައުތެމްޓަންއިން ފަސް މެޗު ކުޅެފައިވާއިރު އަދި އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ. އެ ޓީމް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމަށް ފަސް މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މިވަގުތު އެ ޓީމް އޮތީ ތާވަލުގެ 15 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!