ހއ. މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމާއި ސައިންސްލެބާއި ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ވުމަށް https://forms.moe.gov.mv/ މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ވަނީ ހިމަނާފައެވެ.
މި ޕްރޮޖެކްޓަށް އެދި ހުށަހަޅާ ބިޑް ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:45 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން yazeedh.mohamed@moe.gov.mv އަށް ލިޔުމުން ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!