ދުނިޔޭގެ އެންމެ ބޮޑު ޑައިވިން ޕޫލް އަދި "ސަންކަން ސިޓީ" ނުވަތަ ސިޓީއެއްގެ މަންޒަރު ޕޫލްގެ އަޑިން ދައްކުވައިދޭ ޕޫލް ޑުބާއީގައި ހުޅުވައިފިއެވެ.
ޑީޕް ޑައިވް ޑުބާއީއިން ތައްޔާރުކޮށްފައިވާ މިޕޫލް ވަނީ ގިނިސް ވޯލްޑް ރެކޯރޑްގެ، ދުނިޔޭގެ އެންމެ ބޮޑު ޑައިވިންގ ޕޫލްގެ ގޮތުގައި ހިމަނާފައެވެ. އަދި ގިނިސް ވޯލްޑް ރެކޯރޑްއިން ހާމަކޮށްފައިވާ ގޮތުގައި ޑުބާއީ އަކީ އަބަދުވެސް ދުނިޔޭގެ ރެކޯޑު މުގުރަމުން އަންނަ ސިޓީއެކެވެ.
ދުނިޔޭގެ އެންމެ ފުން ސްވިމިންގް ޕޫލްގެ ގޮތުގައި ކަނޑައަޅާފައިވާ މި ޕޫލްގައި 3.6 ގެލޯންގެ ފެން ނުވަތަ 14 މިލިއަން ލީޓަރުގެ ފެން ހުންނާނެކަމަށް ހާމަކޮށްފައިވެއެވެ.
ގާތްގަނޑަކަށް 6 އޮލިމްޕިކް ސްވިމިންގް ޕޫލް އާއި އެއްވަރުގެ މިޕޫލްގެ ފުން މިނުގައި 196 ފޫޓް ނުވަތަ 60 މީޓަރު ހުންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި މިއީ ސިޓީއެއް ފެނުގެ ތެރޭގައި އޮންނާނެ ގޮތް ދައްކުވައިދިނުމަށް ތައްޔާރުކުރެވިފައިވާ ޕޫލްއެއްކަމަށާއި މިއީ ޑައިވަރުންނަށް ސިޓީއެއް ފެނުގެ ތެރެއިން ފެންނާނެ ގޮތް ދައްކުވައިދިނުމަށް ތައްޔާރުކުރެވިފައިވާ ތަނެއްކަމަށްވެސް ހާމަކޮށްފައިވެއެވެ.
ޕޫލްގެ އެތެރެ ފެންނަ ފޮޓޯއެއް
އާކޭޑް ގޭމްސް އަދި ކާރުތަކާއި، ގޭގެއާއި ފިހާރަތައް ފެނުގެ އަޑިން ދައްކުވައިދޭ މި ޕޫލްގެ މަޤްސަދަކީ ދުނިޔޭގެ ކާރުބާރު ބޮޑުކަން ހަނދާން ނައްތާލާ ފެނުގެ އަޑިން ވިރާނާވެފައިވާ ސިޓީއެއް އޮންނާނެ ގޮތް ދައްކާލުމަށް ހެދިފައިވާ ތަނެއްކަމަށް ޑީޕް ޑައިވް ޑުބާއީއިން ހާމަކުރެއެވެ.
މިޕޫލްގައި ޑައިވަރުންނަށް ރެސްޓްކޮށްލުމަށް ސްޕޮޓްތަކެއް ހުންނާނެކަމަށާއި މިއީ އަލަށް ޑައިވްކުރަން ދަސްކުރާ ފަރާތްތަކަށް އެމީހުންގެ ހުނަރުތައް އެކްސްޕްލޯކުރުމަށް ބޭނުން ކުރެވޭނެ ޕޫލްއެއްކަމަށް ޑީޕް ޑައިވް ޑުބާއީގެ ފަރާތުން ބުނެފައިވެއެވެ. ސްނޯކްލިންގ ކުރުމަށާއި، ފްރީ ޑައިވިންގް އަދި ސްކޫބާ ޑައިވިންގ ކުރުމަށް މިހާރު ބުކިންގްސްއަށް ހުޅުވާލާފައިވާކަމަށްވެސް ޑީޕް ޑައިވް ޑުބާއީއިން ހާމަކޮށްފައިވެއެވެ.
މިޕޫލްގެ އަޑީގައި ހަދާފައިވާ ގޭމް ސެންޓަރުތައް ވެގެންދަނީ ޑައިވަރުންނަށް ވަރަށް ހައިރާންކަން ލިބިގެންދާ ތަނެއްގެ ގޮތުގައިކަމަށް އެތަން ބަލާލަން ގޮސްފައިވާ ބައެއް ޑައިވަރުން ހާމަކޮށްފައިވެއެވެ. މިޕޫލްގެ ބޭރު އިންޓީރިއަރ ޑިސައިން ގާހަކަ ނުވަތަ އިތާ އަކާއި ވައްތަރޔގޮތެއް ހުރުމުން މިއީ ޔޫ.އޭ.އީގެ ޕަރލް ޑައިވިންގ ހެރިޓޭޖްއަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށްވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ.
މިއީ ޑުބާއީގެ ނެޑް އަލް ޝަބާގައި ހުޅުވާފައިވާ ތަނެއްކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!