ބޮޑުތިލަދުންމަތީގެ ތަރައްޤީއާއި ތިންއަތޮޅުގެ މާލީ ފުދުންތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ނިންމަވައިފިއެވެ.

މިކަން ކުރުމަށް ނިންމާފައިވަނީ ހދ. އަތޮޅު ކައުންސިލުން އިސްވެ ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަދި ހއ، ހދ، އަދި ށ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެން މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ.

Ad
rt

މިކަމާ ގުޅިގެން ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވީ މި އެމް.އޯ.ޔޫގެ މަޤްޞަދަކީ 3 އަތޮޅުގެ ތަރައްޤީއަށާއި، މާލީ ފުދުންތެރިކަމާއި އިތުރުކޮށްގެން މިސަރަޙައްދުގެ ބާރުވެރިކަން ހޯދުމާއި، މިކަންކަމަށް ހުރި ހުރަސްތައް ނައްތާލައި ކައުންސިލްތައް ގުޅިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަންތައްތަކެއް ކުރުން ކަމަށެވެ.

އަދި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމްވެސް ވިދާޅުވީ އެ ސަރަހައްދުގެ ދުވަސްވީ ކާބަފައިންނަށް ބަލާއިރު، ބޮޑުތިލަދުންމައްޗަކީ ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތްކުރާ ތަނެއް ކަމަށާއި، ތަރައްގީކުރުމަށް ކުރާ މިފަދަ މަސަައްކަތުގައި ގޮންޖެހުންތަކާ ކުރިމަތިލާނެކަމަށެވެ. އެހެންނަމަވެސް، ކާމިޔާބު ބަޔަކަށް ވާނީ އެފަދަ ގޮންޖެހުންތައް ގިރާކޮށްގެން ދާބަޔަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤު ވިދާޅުވީ މިބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށާއި، ޒަމާނުއްސުރެ ބޮޑުތިލަދުންމަތި މިހާތަނަށް ވެފައިވަނީ ތާރީޚުގައި އޮންނަ ލަފްޒެއްގެ ގޮތުގައި ކަމަށެވެ.

" ބޮޑުތިލަދުންމައްޗަކީ ވަރަށް ތިޔާގިކޮށް، އަމިއްލަ ގޮތްތަކެއްގައި މާލީ ފުދުންތެރިކަން އިތުރު ކުރަމުން އައި ބައެއް، އަޅުގަނޑުމެންގެ ފިކުރުވެސް ހުރީ މަރުކަޒީ ވިސްނުން ދުރުކޮށް، ލާމަރުކަޒީ ވެގެން ކައުންސިލްތަކުން ނަފާ އިތުރުކޮށްގެން ކަންކަން ކުރުމުގެ ވިސްނުން "

މޫސާ ޝަފީޤު ވިދާޅުވިއެވެ.

ހދ.އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ސަރަޙައްދުގެ ތަރައްޤީއަށް 4 ކައުންސިލް ގުޅިގެން ކުރެއްވުމަށް ރާވާ ކަންކަމާއި ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށް ހދ. އަތޮޅު ކައުންސިލުން ހާމަކުރެއްވިއެވެ.