ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ޕޯޗުގަލްއާއި އަޔަލެންޑް ބައްދަލުކުރި މެޗުގައި ދެ ލަނޑުޖަހައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.
މި މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފައި ވަނީ އަޔަލެންޑް ލަނޑެއްޖަހާފައި ވަނިކޮށް މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއިއެކު 2-1 ގެ ނަތީޖާއަކުންނެވެ.
ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ހިސާބަށް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޮތީ އިރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީގެ އަތުގައެވެ. އޭނާ ވަނީ 1993 އިން 2006 އަށް އިރާންގެ ޤައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި 109 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޮނާލްޑޯ ވަނީ ފަސް ލަނޑުޖަހައި އަލީ ދާއީގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ރޭ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއިއެކު މިހާރު ރޮނާލްޑޯ ޤައުމީ ޖާޒީގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 111 އަށް އަރާފައެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމަށް ވަނީ މެޗުގެ ކުރީކޮޅު ޕެނަލްޓީއެއް ވެސް ލިބިފައެވެ. ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަޔަލެންޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ވެސް ގިނަ ހަމަލާތަކެއް އެ ޓީމުން އުފެއްދި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަޔަލެންޑުންނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯން އެގަންއެވެ.
މެޗުގެ ފަހު ހާފުގައި ޕޯޗުގަލް މުޅި ޓީމް ކުރިއަށް ޖައްސައި އަޔަލެންޑްގެ ގޯލަށް ވަރަށް ބާރު ބޮޑުކުރިއެވެ. ނަމަވެސް އަޔަލެންޑުން ވަނީ މެޗުގެ ފަހު ވަގުތާ ހިސާބަށް ވެސް މޮޅު ޑިފެންސްވް ގޭމެއް ކުޅެފައެވެ. ޕޯޗުގަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 89 ވަނަ މިނެޓުގައި ރޮނާލްޑޯ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. އެއަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ވެސް ފަހު ވަގުތު ބޮލުން އިތުރު ލަނޑެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ޕޯޗުގަލް މޮޅުކޮށްދީފައެވެ.
މި ނަތީޖާއާއިއެކު ގްރޫޕް އޭގެ އެއްވަނަ ޕޯޗުގަލްއަށް ލިބެނީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ސާބިއާއެވެ.
ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ގްރޫޕް ޑީގައި ފްރާންސާއި ބޮސްނިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ގްރޫޕް އެފްގައި ޑެންމާކާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޑެންމާކެވެ. ގްރޫޕް ޖީގައި ނެދަލެންޑްސްއާއި ނޯވޭ ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!