ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. މާފަރުގައި އަޅާފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައއވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ އިރުޝާދުކަމަށެވެ.
"އެއީ ވަރަށް ބޮޑު، އެކަމަށްޓަކައި ދައުލަތުން ވަރަށްބޮޑު ހޭދައެއްވެސް ކުރަންޖެހޭކަމެއް. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ހަމަޖެހުން ޤާއިމްކުރުމަށްޓަކައި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި، އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި މިއަދުގެ ހާލަތުގައި ކޮންމެހެން ބޭނުންވާތީވެ، އެކަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނަން."
މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މަހެއްހާދުވަހުގެތެރޭގައި މިހާރު މިޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިހާރު ޤާއިމްކުރެވިފައިވާ 7 ޑިވިޝަންގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި، އެރީޖަންތަކަށް ކޮމާންޑަރުން ލެވި، އެކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަޞީލަތްތަކާއި، ޚިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި، އަވަސްކަމާއެކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމުންކަމަށް ވިދާޅުވިއެވެ.
ނިންމުންތައް ނިންމާ ކުރިއަށްގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި ރީޖަން ކޮމާންޑަރުން ވަރަށް ހުނަރުވެރިކަމާއި، ޤާބިލްކަމާއެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެކަމަށާއި ހުރިހާކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތަށް ޚިދުމަތް ދިނުމުގެ ހަޤީޤީ ނަތީޖާއަކަށްވާނީ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރާ ހަޤީޤީ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިއުން ކަމަށްވެސް މިނިސްޓަރ އިމްރާން ވަނީ ފާހަގަކުރައްވާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!