އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް މިމޭރުމުން ވާހަކަފުޅު ދެއްކެވީ "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް އިފްތިތާޙު ކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިޞަލް ވަނީ މި ސަރުކާރުން އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވެވިއެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކުންވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާކަން ފާހަގަ ކުރައްވަމުން، މި ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު ނެރެދެއްވި 'އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން' އަތްމަތީ ފޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.