ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދި، ރ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މައުލޫމާތު އެނގޭ މީހަކު "ތިލަދުން"އަށް ބުނީ އޭނާ ނިޔާވީ ކޯވިޑް ބަލިން ރަނގަޅުވެފައި ވަނިކޮށް ކަމަށެވެ.
ނިޔާވެފައިވަނީ ރ. ދުވާފަރުގައި ހުންނަ އެ އަތޮޅު މަދަރުސާގެ ލީޑީން ޓީޗަރުގެ މަގާމުގައި ހުންނެވި ރ. ކަނދޮޅުދޫއަށް އުފަން، 41 އަހަރުގެ އިބްރާހިމް ޝަފީގެވެ.
ޝަފީގްގެ ވަކިވުމާއި ގުޅިގެން ރ. އަތޮޅު މަދަރުސާ އިން ނެރުއްވި ތައުޒިޔާގެ މެސެޖެއްގައި ވިދާޅުވީ ޝަފީގަކީ އެ ސުކޫލުގެ އިސްލާމް ޓީޗަރެއްގެ ހައިސިއްތުންނާއި، ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވަރަށް އިޙްލާސްތެރިކަމާއެކު އުޅުއްވި އަދި ހުރިހާ ކުދިންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ގާތް ގުޅުމެއް ބޭއްވި މުވައްޒަފެއްކަމަށެވެ. އަދި ޝަފީޤުގެ ވަކިވެދިޔުމަކީ އެ މަދަރުސްއާއި މުޅި ރަށަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެއްކަމަށެވެސް އެ މެސެޖްގައި ފާހަގަކޮށްފައިވެއެވެ.
"ޝަފީޤް ސަރގެ ލޮބުވެތި އާއިލާއަށް، ރ.އަތޮޅު މަދަރުސާގެ އެންމެހައި މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ނަމުގައި އިޙްލާސްތެރި ތަޢުޒިޔާ ދަންނަވަމެވެ."
ރ. އަތޮޅު މަދަރުސާގެ ތައުޒިޔާ މެސެޖްގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަފީގް ނިޔާވުމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ޝަފީގަކީ ދަރިވަރުންނަށް އޯގާތެރި، އެކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަމަށެވެ. އަދި އޭނާގެ ކުއްލި ވަކިވެ ދިއުމަކީ ރ. އަތޮޅު މަދަރުސާގެ އިތުރުން، ތަޢުލީމީ ދާއިރާއަށް ލިބުނު ފަޅުކަމެއްކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
" މި ހިތާމަވެރި ދަނޑިވަޅުގައި، މަރުހޫމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އަދި މި ފުން ހިތާމައިގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއާއި އެކުވެރީންނަށް ކެތްތެރިކަން ދެއްވުންއެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. "
އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި ޝަފީގު ވަނީ 10 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މިއަދުގެ މި މަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 226 އަށް އަރާފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު ވަނީ 92 އަހަރާއި 49 ގެ ދިވެހި 2 އަންހެނުން މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނައިރު ރ. ދުވާފަރުގެ ހާލަތަށް އަދި ވަކި ބަދަލެއް ނާންނަކަމަށް ޚަބަރުތައް ބުނެއެެވެ. ޝަފީގްގެ މަރާއެކު އެރަށުން މަރުވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިންގެ ހާލަަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!