މީސް މީޑީއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
" ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައި ވަނީ ރ. މީދޫ އިން " ފުލުހުން ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ރައީސް ނަޝީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގެ ކޮމެންޓުގައި މީހަކު " ރާއްޖެ އައިސްފި ނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނަން "، މިފަދައިން ލިޔެ، އެމަނިކުފާނު ހަށިކޮޅަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދީފައެވެ.
6 މޭއި ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން އަންނަނީ މީސްމީޑިއާއި އެހެނިހެން ގޮތްގޮތުން ނަފްރަތު އުފައްދާ އިންޒާރުދޭ ފަރާތްތައް ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.
ރައްޔިތުންގެ މަޖިލީހާއި އިންޑީއަން ހައިކޮމިޝަން ގޮއްވާލަން ފޭސްބުކުގައި ބުނި 2 ޒުވާނަކުވެސް ފުލުހުން ވަނީ ދާދި ފަހުން ހައްޔަރުކޮށްފައެވެ.
ރައީސް ނަޝީދަށް މީސްމީޑިއާގައި އިންޒާރުދިން މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!