އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި އުދިނޭޒީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ޔުވެންޓަސްއިން ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް އުދިނޭޒީން ވަނީ ފަހަތުންއަރައި ދެ ލަނޑުޖަހައި ޔުވެނޓަސް މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

Ad
rt

މި ސީޒަނަށް ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވި މަސިމިލިއާނޯ އެލެގްރީ މި މެޗަށް ނަގާފައިވާ ފުރަތަމަ އެގާރާގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއްނުވެއެވެ.

މި މެޗު ފެށިތާ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ބެންޓަކުއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕައުލޯ ޑިބާލާއެވެ. އެއަށްފަހު މެޗުގެ 23 ވަނަ މިނެޓުގައި ޑިބާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކުއަޑާޑޯ ލަނޑުޖަހައި މެޗުގެ ނަތީޖާ ވަނީ 2-0 އަށް ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި އުދިނޭޒީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ރޮބާޓޯ ޕެރޭރާ ލަނޑުޖަހައި ފަރަގު ކުޑަކުރިއިރު، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޔުވެންޓަސްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި އުދިނޭޒީގެ ޖެރާޑް ޑެލޫފް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މެޗުގެ 60 ވަނަ މިނެޓުގައި މޮރާޓާގެ ބަދަލު ރޮނާލްޑޯ ވަނީ ކުޅެން އަރުވާފައެވެ. މެޗު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރޮނާލްޑޯ ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.