އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޓޮޓެންހަމްގެ އަތް ދަށުވެއްޖެއެވެ. މިއީ މި ދެ ޓީމް ވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓޮޓެންހަމްއިން ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ޓޮޓެންހަމް ދޫކޮށް ސިޓީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަށް ގަދަވެފައިވާ ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ރޭގެ މެޗަށް ޓޮޓެންހަމްއިން ނަގާފައިވާ ޓީމުގައި ހިމަނާފައި ނުވެއެވެ. އުމުރުން 28 އަހަރުގެ ކޭން ނުލައި ރޭ ސިޓީއާއި ދެކޮޅަށް ކުޅުނު މި މެޗު ޓޮޓެންހަމްއިން ކާމިޔާބު ކުރުމުން މި ސީޒަނަށް އެ ޓީމާއި ހަވާލުވި ކޯޗް ނޫނޯގެ އިތުބާރު ވަނީ ބޮޑުވެފައެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސިޓީންނެވެ. މިގޮތުން އެ ޓީމުން ވަނީ ލަނޑުޖަހާނެ ފުރުޞަތު ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ސިޓީގެ ފެނަންޑީނިއޯއާއި ޖޮއާއޯގެ އިތުރުން ކަންސޭލޯއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހުއެން މިން ސޮންއެވެ. ސޮން މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ސިޓީގެ އޭރިއާގެ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މެޗުގައި އެސްޓަން ވިލާއިން މި ސީޒަނަށް މެންޗެސްޓަރ ސިޓީއަށް 100 މިލިއަން ޔޫރޯއަށް ގުޅުނު ޖެކް ގްރީލިޝް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވެއެވެ. ނަމަވެސް މާ ބޮޑު ތަފާތެއް އޭނާއަށް ދެއްކިފައި ނުވެއެވެ.

މި ބައްޔާއިއެކު ސިޓީ މި ސީޒަންގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މިވަނީ ބަލިވެފައެވެ. އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ސިޓީން ވަނީ މިދިޔަ ހަފްތާގައި ލެސްޓާއާއި ބައްދަލުކޮށް ވެސް ބަލިވެފައެވެ.

ރޭ ޕްރިމިއާ ލީގުގައި ނިއުކާސަލްއާއި ވެސްޓްހަމް ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ވެސްޓްހަމްއިންނެވެ.