އިނގިރޭސި ޕްރިމިއާ ލީގު 2021-22 ސީޒަން ހުޅުވިމެޗު ރޭ ކުޅެފައިވާއިރު އެ މެޗުގައި ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފިއެވެ.

ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ބްރެންޓްފޯޑުން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ބްރެންޓްފޯޑްގެ މުޅި ޓީމްގެ ފަރާތުންވެސް ވަރަށް ހިތްވަރާއިއެކު މަސައްކަތްކުރިތަން ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމްގެ ސާޖީ ކޯނަސް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

އާސެނަލްގެ މުހިންމު ދެ ފޯވާޑުން ކަމަށްވާ ލަކަޒޭޓްއާއި އޮބާމަޔަން މި މެޗުގައި ކުޅެފައިނުވާއިރު، އާސެނަލްކޮޅަށް ބްރެންޓްފޯޑުން ޖެހި ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ކްރިސްޓިއަން ނޯގާޑްއެވެ.

މި ސީޒަނަށް ޕްރިމިއާ ލީގުން ބްރެންޓްފޯޑް ޖާގަ ހޯދާފައިވަނީ މިދިޔަ ސީޒަނުގެ އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ޕްލޭއޮފް މެޗުން މޮޅުވެގެންނެވެ.

މިއީ އެ ޓީމުން މިދިޔަ 74 އަހަރު ތެރޭ އިނގިރޭސި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް ރީބްރޭންޑުކުރި ފަހުން، ބްރެންޓްފޯޑުން ލީގުގައި ކުޅޭ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޕްރިމިއާ ލީގުގައި މިއަދު ވެސް ގިނަ މެޗުތަކެއް ކުޅޭނެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް މެޗުތަކަށް ބަލައިލާއިރު، މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ބައްދަލު ކުރާނެއެވެ. މިރޭ ޗެލްސީ ބައްދަލުކުރާނީ ކްރިސްޓަލް ޕަލަސްއާއެވެ. ލިވަޕޫލް މިރޭ ނުކުންނާނީ ނޯވިޗް ސިޓީއާއި ދެކޮޅަށެވެ.