ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ އެޗް.އާރް.އެފް ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފިއެވެ.

ފްރިގޭޓަރ އިން މެޗް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ކްލަބް ޑޮލްފިން ސިޓީ (ސީޑީސީ) އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ.

Ad
rt

ފްރިގޭޓަރ އިން މިމުބާރާތުގެ ފައިނަލް އަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޯލް ފްރިގޭޓާރ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް އިބްރާހިމް ރަޝީދެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސީޑީސީގެ އަބްދުﷲ ޔާމީން ވަނީ ނަތީޖާ ހަމަމަކޮށްފައެވެ. ނަމަވެސް ފްރިގޭޓަރ އިން މެޗް ކާމިޔާބުކުރީ ފްރިގޭޓަރގެ އައިހަމް ހަފީޒް ޖެހި ގޯލާއި އެކުއެވެ.

މިމުބާރާތުގެ ޓޮޕް ސްކޯރަރ އަދި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ފްރިގޭޓާރގެ އިބްރާހިމް ރިޒްހާނެވެ. އޭނާވަނީ މުބާރާތުގައި 10 ގޯލް ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވަނީ ސީޑީސީގެ މުހައްމަދު މައިޝަންއެވެ. މައިޝަންއަކީ އުމުރުން 17 އަހަރުގެ ކުޅުންތެރިއެކެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައި ވެއެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް، އަލްފާޟިލް މުހައްމަދު ވަހީދެވެ.

މިމުބާރަތަކީ ކައުންސިލްއިން ބޮޑު ޚަރަދެއްކުރުމަށްފަހު އެރަށު ކުލަބު ދަނޑުގައި ޓާފް އެޅުމަށްފަހު ބޭއްވި ފުރަތަމަ ބޮޑު މުބާރާތެވެ. މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ހޯރަފުއްޓަކީ އަބަދުވެސް ފުޓުބޯޅައިގެ ފޯރިއާއި ވާދަވެރިކަން ގަދަ ރަށެއް ކަމުން، މިމުބާރާތް ވެސް ފެނިގެން ދިޔައީ ވާދަވެރި މުބާރާތެއް ގޮތުގައެވެ.