ހއ.ހޯރަފުށީގައި ފުރަތަމަފަހަރަށް ހުޅުވުނު ސްޕޯރޓްސް އެކެޑަމީ އާރް.ވީ. ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެކެޑަމީގެ ފަރާތުން ރަށުގެ ހުރިހާ ކުޑަކުދިންނަށް ހާއްސަކޮށް ކޮށްގެން ބޭއްވުނު ކުޑަކުދިންގެ ހަވީރަކާ އެކުގައެވެ.
އެކެޑެމީ ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެސް. އެމް. އެކެޑެމީގެ ރައީސް އަދި ނިއުރޭޑިއަންޓް ކުރީގެ ރައީސް ހަސަން މަނިކް އަދި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ނައިބް ރައީސް އަޙްމަދް އިމްދާޙް އަދި އެކެޑެމީގެ ރައީސް ހާމިދް އާދަމް ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތާއެކު ބޭއްވުނު ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އަދި ސްޓޯލް ތަކުގައި ބައިވެރިވެ ގޭމްތައްކުޅެ ކުދިން އިނާމް ހޯދައިފައިވެއެވެ. އަދި ހަވީރު ބައިވެރިވި ކޮންމެ ކުއްޖަކަށް އިނާމެއް ދީފައިވެއެވެ. މިރަސްމިއްޔާތުގައި އެކެޑެމީގެ ހާއްސަލަވައެއް ލޯންޗްކޮށްފައިވެއެވެ.
އެކެޑެމީގެ ރައީސް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކެޑެމީގައި މިހާރު 140 ކުދިން ރަޖިސް ކުރެވިފައިވާކަމަށެވެ. އަދި ވަރަށް އަވަހައް އެކި އުމުރު ފުރާތަކުގެ ކުލާސްތައް ފެށިގެންދާނެ ކަމަށެވެ.
"މިވަގުތު ކުރިއަށް ގެންދާނީ ފުޓްބޯޅާ އާއި ހޭންޑްބޯލް، އެހެންނަމަވެސް ކައިރި މުސްތަޤްބަލްގައި އެހެން ކުޅިވަރުތައްވެސް ފެށިގެންދާނެ"
އެކެޑެމީގެ ރައީސް މައުލޫމާތު ދެއްވި އެވެ.
މިރަސްމިއްޔާތާއި ހަވީރު ފާހަގަ ކުރުމަށް އެހީތެރިވި ކުލަބް ޖަމިއްޔާތަކުގެ ތެރޭގައި ކުލަބް ޖީ.އެސް ، އެފް.ސީ.ފުރިގޭޓަރ ، 22 ސްޕޯރޓްސް ކުލަބް، ދަންމަރު ޔުނައިޓެޑް، ހަހެތި ޖަމިއްޔާ އަދި ހޯރަފުށި ކައުންސިލް ހިމެނެ އެވެ. މި ފަރާތްތަކަށް އެކެޑެމީގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!