ކުޅުދުއްފުށި ސިޓީގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ ހދ.އަތޮޅު ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

އެ ކަސުންސިލުން މިކަން ހާމަކޮށް މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ކޯވިޑް ފެތުރެމުންއަންނާތީ، އެ އިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ އިދާރާއިން ދެމުންއަންނަ ތިން ޚިދުމަތެއް 01 އޯގަސްޓް 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

Ad
rt

އެ ތިން ޚިދުމަތަކީ އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުމުގެ އިތުރުން އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުމުގެ ޚިދުމަތެވެ.

ކުޅުދުއްފުށި ސިޓީގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުން އައުމާއި އަދި އެ ސިޓީން ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވާތީ އިތުރަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުތަކާއިއެކު އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވެސް ވަނީ އިލްތިމާސް ކޮށްފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ މިވަގުތު އޮތީ މޮނީޓަރިންގައެވެ. މިވަގުތު 42 ކޭސް އެ ރަށުން ވަނީ ފެނިފައެވެ. ރެންޑަމް ބައެއް ސާމްޕަލް ވެސް ޕޮޒިޓިވްވެފައި ވާތީ އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތްކަމަށް ވަނީ ބެލެވިފައެވެ.