އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މޮޑަނާގެ ކޮވިޑްވެކްސިން ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެޑިސިންސް އޭޖެންސީން ހުއްދަ ދީފިއެވެ.
އީޔޫގެ މެޑިސިންސް އޭޖެންސީން މިހުއްދަ ދިނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ 3،700 ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއަކަށްފަހުއެވެ. އެގޮތުން، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެކޭ އެއްފަދައިން، މޮޑަނާގެ ވެކްސިން ޖެހުމުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުގެ ކުދިންގެ ހަށިގަނޑުގައި ދާދިއެއް މިންވަރަކަށް އެންޓިބޮޑީ އުފެދޭކަމަށް ދިރާސާއިން ދައްކާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ރެކޮމެންޑް ކުރިނަމަވެސް، މި ވެކްސިން ކުޑަކުދިންނަށް ދޭން ފެށޭނީޔޫރަޕިއަން ކޮމިޝަނުން ހުއްދަ ދިނުމުންނެވެ. ޔޫރަޕިއަން ކޮމިޝަނުން އާންމުގޮތެއްގައި އަމަލުކުރަނީ އީޔޫގެ މެޑިސިން އޭޖެންސީން ދޭ ރެކޮމެންޑާޝަނާ އެއްގޮތަށެވެ.
އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މިވަގުތު ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނަކީ ފައިޒާ/ބަޔޯއެންޓެކްގެ ވެކްސިނެވެ. މި ވެކްސިން އީޔޫގެއިތުރުން އުތުރު އެމެރިކާގައިވެސް ކުޑަކުދިންނަށް ޖަހަމުން ގެންދެއެވެ.
މޮޑަނާ ކުންފުނިން މެއިމަހު ބުނެފައިވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިނަކީ ފުރާވަރުގެ އުމުރުގެ ކުދިންނަށް ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!