ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެފް.ސީ.އެސް.ސީ އަށް ކުރި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ރައީސް އޮފީހުން ހާމަކުރެއްވިގޮތުގައި ރޭ ކުރި މި ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ވަނީ އެ ސެންޓަރުގައި ތިބި ބައެއް ކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި، އެކަމަނާ އެ ސެންޓަރުގެ ޙާލަތު ބައްލަވާލައްވައި އެ ސެންޓަރު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެގޮތުން، ސެންޓަރުގެ އިސްވެރިންނާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރާނެ ގޮތްތަކާއި، ސެންޓަރު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އެންމެން އެކީގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފަސްޓްލޭޑީ ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެކަމަނާ ވަނީ އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެ ސެންޓަރުގައި ދިރިއުޅޭ ކުއްޖަކާއެކު އެ އެތަނުގައި ގަހެއްވެސް އިންދަވާދެއްވާފަކަމަށް ރައީސް އޮފީހުން މައުލޫމާތުދިނެވެ.

ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރަކީ 2007 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން، ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޔުނިސެފާއި، ސަރުކާރު ހިއްސާވާގޮތަށް ފެށި މަސައްކަތުން ހުޅުވާފައިވާ ސެންޓަރެކެވެ.

ހދ. އެފް.ސީ.އެސް.ސީ އިން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި ގެވެށި އަނިޔާ ލިބިފަިއވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާ، ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ޢާާއިލާއާއި ރީއިންޓަގްރޭޓް ކުރެވެންދެން އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގައި ރައްކާތެރިކަން ހޯދާ ފަރާތްތަކުން އަނބުރާ މުޖުތަމަޢަށް ދާން ތައްޔާރުވުމުން، އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެދެކަނބަލުގެ އަރިހުގައި ބައެއް ކެބިނެޓްތަކުގެ މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.