ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ހަމަޖައްސައި ދިނުމަށްފަހު ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިންއާއި ގުޅިގެން ޖޫރިމަނާ ކުރެވެންވާނީ އެކަށީގެންވާ ވަރަށް ޕާކިން ޖާގަ ފަހިކޮށްދީފައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

މާލޭ ސިޓީކައުންސިލުން މާލޭގެ ޕާކިންގެ މައްސަލައަށް ހައްލު ހޯދަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް، ނަތީޖާ ނެރުމުގެ ފުރުޞަތު ދެވެންވާނެ ކަމަށް ދެކިވަޑައި ގަންނަވާ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މާލޭ ސިޓީއަށް ވެހިކަލް އެތެރެ ކުރެވޭވަރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޮނުވައި ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި، އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މާލެއަށް ވެހިކަލް އެތެރެ ކުރެވޭނެ ވަރާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުފައެވެ.

މޭޔަރު މުޢިއްޒު މި މޭރުމުން ވިދާޅުވެފައި މިވަނީ، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސާ 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ސަރުކާރުން ގެޒެޓް ކޮށްފަ ވަނިކޮށެވެ.

މީގެއިތުރުން މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ ކްލަބް ހައުސް މެދުވެރިކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ދެއްކެވި ވާހަކާގައި އަންނަ އޯގަސްޓް މަހު މާލޭގެ ކަމުވޮށިގެންވާ މީހުންނާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުންތައް ގެންދަން ނިންމާފައިވަނީ މާލޭގެ އަވަށްތަކަށް ވަކީން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެ މަޝްވަރާ ބައްދަލުވުންތަކުގައި މާލޭ ސިޓީގެ ލޭންޑް ޔޫޒު ޕްލޭނަށް ޚިޔާލު ހޯދުމާއި، މާލޭގައި ހައުސިން މަޝްރޫޢުތައް ހިންގުމަށާއި، ގުޅިފަޅުން ގޯތި ދިނުމާއި، ބިން ދިނުމާއި ފްލެޓް ދިނުމާމެދު ޚިޔާލު ހޯދުމާއި، ކޮންޓްރަކްޝަން މަސައްކަތްތަކަށް މާލޭގެ މަގުތައް ބަންދު ކުރާނެ ވަގުތުތަކާއި ގުޅޭ ޚިޔާލު ހޯދުމާއި، ޕާކިން ބިލްޑިންގތައް އަޅާނެ ތަންތަނާއި، ހިނގާފައި އުޅޭނެ ގޯޅިތަކާއި އަދި ޕާކްކުރާނެ ގޯޅިތައް ކަނޑައެޅުންފަދަ ގިނަ ކަންތައްތަކަށް މާލޭ ރައްޔިތުންގެ ޚިޔާލު ހޯދަން ނިންމާފައިވާ ކަމަށް މޭޔަރު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.