ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ހދ. އަތޮޅުގެ ތިން ރަށަކަށްވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި ދަތުރު ހަމަޖެހިފައިވަނީ، މިމަހުގެ 16 އިން 18 އަށް ކަމަށެވެ.
އެގޮތުން، ރައީސް ވަޑައިގަންނަވަން ހަމަޖެހިފާވަނީ ހދ. ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫ އަށެވެ.
މި ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށް ދެއްވުން ކަމަށެވެ.
މީގެ އިތުރުން، ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން، ރައީސް ވަނީ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ފާހަގަ ކުރަށްވާފައެވެ.
މިގޮތުން، މިހާތަނަށް 69 ރަށަކަށް ރައީސް ވަޑައިގެންފައިވާކަމަށާއި، އަދި ޖުމްލަ 127 ބައްދަލުވުން ލޯކަލް ކައުންސިލްތަކާއި އެކު ބޭއްވިފައިވާކަން ރައީސް އޮފީހުން ފާހަގަ ކުރަށްވައެވެ.
ކޯވިޑް ފެތުރުން ވަރަށް ބޮޑުތަން ކޮންޓްރޯލް ކުރެވި، ކޯވިޑް ގެ ހާލަތަށް އައިސްފައިމިވާ ބަދަލާއެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ ތަރައްގީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުންތައް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!