ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އެ ކައުންސިލާއި ބައްދަލުކުރެއްވީ، މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރާއީސް ޞާލިޙަށް އިންކުއަރީ ރިޕޯޓު އެރުވުމާއި ގުޅިގެން އެ ރިޕޯޓާއި ގުޅޭ މަޝްވަރާކުރެއްވުމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން އެރުވި މި ރިޕޯޓު ކުރިއަށް ގެންދިޔައީ އެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިންނެވެ.
ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ރައީސް ގެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިކަމާ ގުޅިގެން ސަރުކާރުން ވިދާޅުވީ، މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މިފަދަ ކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯއާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށެވެ.
ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި މި ޓެރަރިސްޓު ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާހޯއްދަވަންގޮސް އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ. އަދި ދާދި ފަހުން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ޥަރަށް ބޮޑުތަން ރަނގަޅުވެފައިވާކަން އާންމުކުރައްވާފައެވެ.
މި ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ކަން ހިނގާ ދިޔަގޮތުގެ ތަހުގީގު އަދިވެސް އަންނަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!