ކޯވިޑް-19 ގައި، ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެއެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެ އިން މަރުވި ޖުމްލަ މީހުންގެ ތެރެއިން، ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީއެންމެ ތިން ގައުމުން މަރުވި މީހުންނެވެ. މީގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އެގޮތުން މުޅި ދުނިޔޭން މަރުވި މީހުންގެ 15 އިންސައްތަ އަކީ އެމެރިކާއިން މަރުވި މީހުންނެވެ. އެއީ 606،000 މީހުންނެވެ.
މި ބަލިމަޑުކަމުގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒިލުންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިންޑިއާ އިންނެވެ. އެންމެ ގިނައިން ބަލިޖެހުނީ ވެސް މި ތިން ގައުމުގެ މީހުންނަށެވެ.
އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން މަރުވި މީހުންގެ އަދަދު ގިނަވި ނަމަވެސް އެ ދސަރަހައްދުތަކުގެ ގައުމުތަކުގައި ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވެ، ބަލި ޖެހޭމީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.
ކޯވިޑް-19 ބާރުގަދަވެ އާ ވޭރިއަންޓްތައް ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން، މިއަހަރު ފެނުނު ޑެލްޓާ އާއި ޑެލްޓާ ޕްލަސް ވޭރިއަންޓަކީ ނުރައްކާތެރި ދެވޭރިއަންޓެކެވެ. މި ވޭރިއަންޓްތައް ދެކުނު އޭޝިއާގައި ވެސް އަންނަނީ ފެތުރެމުންނެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީން ބުނި ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި މުޅި ދުނިޔޭން، ކޮވިޑްގައި މަރުވާ އަދަދު ހުރީ އެވްރެޖް ގޮތެއްގައި ދުވާލަކު 7900ގައެވެ. މިއީމިއަހަރުގެ ޖެނުއަރީ މަހުގެ އަދަދުތަކާ އަޅައި ބަލާއިރު، 46 އިންސައްތަ ދަށްވުމެކެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އަދަދު ހުރީ ދުވާލަކު 14700ގައެވެ.
ކޯވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ، ހަތަރު މިލިއަން ކަމަށް ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ހިސާބުތަކުން ދެއްކި ނަމަވެސް، އެ އަދަދު އެއަށް ވުރެ މާބޮޑަށް އިތުރުވާނެ ކަމަށް، ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ. ސަބަބަކީ، ދެކުނު އޭޝިޔާ އާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައި، ކޯވިޑް ޖެހޭމީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ ފުރިހަމަ އަދަދުތައް، އެ ގައުމުތަކުގެ ރަސްމީ އިދާރާތަކުގައި ރެކޯޑް ކުރަމުން ނުދާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!