ހދ. މުމުންދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ރޭ ބަޔަކު ގެއްލުންދީފިއެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ އެރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

Ad
rt

އެ ގެއްލުންތައް ދީފައި ވަނީ ރޭ 11:15 އާއި 12:00 އާއި ދޭތެރޭގެ ވަގުތެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މިގޮތުން ޖަގަހާގައި ޓީވީ ބަލަން ބޭނުންކުރާ މީޑިއާ ނެޓްގެ ޑީކޯޑަރ ނައްޓާލައި ހަލާކުކޮށްލުމަށްފަހު ޖަގަހައާއި މާދުރުނޫން ހިސާބަކަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.

މީގެއިތުރުން ޖަގަހާގައި ހުރި މައިކުތައް ވެސް ނެތްއިރު، އަދި ޖަގަހައިގަ ބޭނުންކުރާ އެމްޕެއް ވެސް ނެތެވެ. އެތަކެތި އުކާލާފައި ހުއްޓާވެސް އަދި ނުފެންނަ ކަމަށް އަމީން ވިދާޅުވިއެވެ.

ޖަގަހައިގައި ތިބޭއިރު ކޮފީ ބޮައި ހަދަން ސާމާނު ރައްކާކޮށްފައި ހުންނަ ޖަގަހައިގަ ހުންނަ ކުޑަ ބަދިގެއަށް ވެސް ގެއްލުންދީ އެބަދިގޭގައި ހުރި ސާމާނުތައް ވެސް ޖަގަހަ ކައިރިއަށް އުކާލާފާއި ހުއްޓާ ވަނީ ފެނިފައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އެކަން އެނގުމާއެކު ރޭގައި އަޅުގަނޑުމެން ވާނީ ޕޮލިހަށް މި މައްސަލަ ރިޕޯޓްކޮށްފައި، މިއަދު މެންދުރު 12 ހާއިރު ޕޮލިސް މިކޮޅަށް ވަޑައިގެން މައްސަލައިގެ ތަހުގީގު ވަނީ ފައްޓަވާފައި" އަމީން ވިދާޅުވިއެވެ.

ކުމުންދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުންތަކެއް ދިންއިރު، ދޭތެރެ ދޭތެރެއިން ބައެއް ރަށްރަށުގައި އެ ރަށްރަށުގައި ހުންނަ ސިޔާސީ ޖަގަހަ ތަކަށް ގެއްލުން ދިނުމުގެ ނާތަހުޒީބު އަމަލަކީ ހިނގަމުންދާ ކަމެކެވެ.