ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށާއި އެއީ ވަރަށް ސާފު މައްސަލައެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާލުވީ، ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ނެވެ.

Ad
rt

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެނިޒާމަކީ ރިޔާސީނިޒާމުކަމުގައެވެ.

"ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު. ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު."

ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށެވެ.

"އެމްޑީޕީއާ ޕީޕީއެމްއާ ދެ ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދު ކޮށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފިކަމުގައި ވަނީނަމަ ޤާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރާ ނިޒާމު ބަދަލުވެއްޖެނަމަ ބޮޑުވަޒީރަކު ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެ ހިސާބަށް ގޮއްސިނަމަ އަޅުގަނޑުގެ ނަން ބޮޑުވަޒީރުކަމަށް ހުށަހަޅާނަން، އެދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ޕީޕީއެމްއިން ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމްއިން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާނެ ވާހަކަ ބުނެފައި ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބެއް ދިވެހިރާއްޖޭގައި ބޭއްވުން އެއީ އެންމެ ބުއްދިވެރި ކަމެއް ނޫން. ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ދިވެހިރާއްޖޭގައި ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެންނަންޖެހޭ. ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކަށް އޮތުން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް. އެގޮތުން އެ ބަދަލު ގެނައުމަށްޓަކައި 2024 ވަނަ އަހަރު އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް ޞާލިހުއަށްވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ނަމަވެސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ. އަދި ނިޒާމް ބަދަލުކުރެއްވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށްވެސް ރައީސް އޮފީހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.