މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ފޯނު ބޭނުން ކުރަން ފަށާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް މިއަދު ރައީސް ނަޝީދު ކުރައްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނު މިއަދު ފޯނު ބޭނުން ކުރަން ފަށައިފި ކަމަށެވެ.

Ad
rt

އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ފޯނުގައި ޖަވާބުނުދެވި 7862 (ހަތްހާސް އަށްސަތޭކް ފަސްދޮޅަސް ދެއެއް) މެސެޖް ވާކަމަށާއި، އެ ހުރިހާ މެސެޖެއް މިހާރު ކިޔާފައިވާކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުވަނީ މެސެޖް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ހާދިސާއާއި ގުޅިގެން 16 ގަޑި އިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.

އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.

އެމަނިކުފާނު ރޭ ވަނީ ކްލަބް ހައުސް މެދުވެރިކޮށް ބައްދަލުވުމެއް ވެސް ކުރިއަށް ގެންދަވާފައެވެ. 14000އަށް ވުރެ ގިނަ މީހުން ބައިވެރިވި އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ބައިވެރިންކުރެ ފުރުޞަޠު އެރުވުނު ބައިވެރިންގެ ސުވާލުތަަކަށް ޖަވާބު ދެއްވާފައެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުން ލިބުނު ފަރުވާއަށް ތައުރީފް ކުރަށްވާ، އެ ހޮސްޕިޓަލުން އެ މަނިކުފާނަށް ޚިދުމަތްދެއްވި މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

"ޖަރުމަނު ޑޮކްޓަރުން ހަމަ އަޖައިބުވެފަ އެ ތިބީ ދިވެހިރާއްޖޭން ދީފައިހުރި ރަނގަޅު މޮޅު ކުޅަދާނަ ފަރުވާގެ ސަބަބުން،" އޭޑިކޭ ޓީމަށް ތައުރީފް ކުރައްވަމުން ރޭ ނަޝީދު ވިދާޅުވި އެވެ.

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނު ވިލާތަށް ވަޑައިގެންފައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް މިދިޔަ ހުކުރު ދުވަހު ރައީސް ނަޝީދު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ.