ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރުކަމުގައިވާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުލަބްހައުސް މެދުވެރިކޮން ކުރިއަށްދާ ''އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވިދާޅުވީ ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުން އަންނަ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުން އަންނަކަމަށާއި އެކަމަށް ފައިސާވެސް ހަމަޖެހި ކަންކަން ހަމަޖެހެމުން އަންނަކަމަށެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދެއްވަންވާނެ ކަމަށާއި އެއެއަރޕޯޓް ތަރައްޤީވުމުން ރައްޔިތުންނަށް ފައިދާވެގެން ދާނެކަމަށް ވިދާޅުވި އެވެ. އެއާއި އެކު ހދ. އަތޮޅުގެ ޓޫރިޒަމް ފުޅާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީކޮށް ފުޅާކުރުމަށް އިސްކަމެއްދެއްވައިގެން ޤާނޫނަށް ބަދަލުގެނެސް ޑިއުޓީ ކުޑަކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެ ބަނދަރު އިތުރަށް ތަރައްޤީ ކުރަންޖެހޭކަމަށާއި 2 ބަނދަރު ތަރައްޤީވެގެން ދިއުމަށް ތިލަދުންމަތީ ރައްޔިތުންނަށް ފައިދާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!