ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ.

މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ.

Ad
rt

މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި ގަސްހުންނާތީ މަގުތަކަށް ނުވަދެވި ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިވެދާނެއެވެ.

އެގޮތުން، މިލަންދޫ މަގުތަކުގައި އެކި ފަރާތްތަކުން އިންދާފައިވާ ގަސްތައް ބިމުން ފެށިގެން 10 ފޫޓަށް ކޮށައި ސާފުކޮށްދެއްވުމަށް އެ މަރުކަޒުން އެދިލައްވައެވެ.

އަދި މަގުތަކާއި އެހެނިހެން ތަންތަނުގައި ސައިކަލްތަށް ޕާރކުރާއިރު އެންބިއުލާންސް ދަތުރުތަކަށް ދަތިނުވާނެހެން ޕާރކްކުރުމަށް މިލަންދޫ ސިއްޙީމަރުކަޒުން އެދިލައްވާފައިވެއެވެ.

މިލަންދޫ ޞިއްޙީ މަރުކަޒުން އިއްޔެ ވަނީ އައު ލެބޯޓަރީ ޚިދުމަތްތަކެއް ދޭންވެސް ފަށްޓަވާފައެވެ. އެގޮތުން، މި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ.

މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައްސާފައެވެ.