ކޮވިޑް-19 އަށް ރަށްކާތެރިވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ދެވެން ފެށުނު "ކޮވިޝީލްޑް" ވެކްސިންގެ ދެވަނަ ޑޯޒް އެޕޮއިންޓްމެންޓް ނެތި އަންނަ ފަރާތްތަކަށް ޖަހައި ނުދެވޭނެކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ވެކްސިން ސްޓޭޝަންސް އަށް އެޕޮއިންޓްމެންޓް ނެތިވެސް މީހުން ދާކަމަށާއި ނަމަވެސް، ވެކްސިން ޖަހައިދެވޭނީ އެޕޮއިންޓްމެންޓް ދީފާވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެޕޮއިންޓްމެންޓް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގުޅަމުން އެބަ ގެންދާކަމަށާއި އެ ފަރާތުން ގުޅަމުން ގެންދަނީ ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހި މީހުން، ޖަހާފައިވާ ތާރީހަށް ބަލާ ކުރިން ޖެހި މީހުންނަށް އިސްކަންދީގެންކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
މިގޮތުން، މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަމުންދާނެކަމުގައި އެޗް.ޕީ.އޭއިން އިއްޔެވަނީ ދަންނަވާފައެވެ.
ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
• ވެކްސިން ކާރޑް
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން (ކޮންމެހެން ބޭނުންވާ މީހުންނާއެކުގައި އިތުރު ފަރާތަކަށް ދެވޭނެ)
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 191،725 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ މި މަހުގެ 2 ވަނަދުވަހާ ހަމައަށް 293 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށާއި އެއީ އަތޮޅުތަކުން ވެކްސިން ދިން 233 މީހަކާއި މާލެއިން ވެކްސިން ދިން 60 މީހެކެވެ.
ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!