ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ޝެޑިއުލާ އެއްކޮށް އުޅެ، ދުވަސް އެއްކޮށް ވެއަތުކޮށް ނިންމައި، އެންމެފަހުން ރޭގަނޑުގެ ނިދި ލިބިގަތުމަށް އެނދުގައި އޮށޯތުމާއެކު، ނިދުމުގެ ކުރިން ތިމާގެ ނަފުސު ހިސާބުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިއީ ޙަޔާތުގައި ރަނގަޅަށް ކުރެވޭ ކަންކަން ކުރުން މަތީ ދެމިހުރުމަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ކުރުމަށް އަދި ނުރަނގަޅުކޮށް ކުރެވޭ ކަންކަން ކުރުން ހުއްޓާލައި އިސްލާޙުކުރުމަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެކެވެ.
ވިސްނާލާ ސުވާލު ކޮށްލާށެވެ. މިއަދު ފަތިސްނަމާދަށް ހޭލެވުނު ހެއްޔެވެ؟ ނުހޭލެވުނު ނަމަ ފަތިސްނަމާދަށް ނުހޭލެވޭތާ ކިތައް ދުވަސް ވެއްޖެ ހެއްޔެވެ؟ ނުހޭލެވޭ ސަބަބަކީ ކޮބާހެއްޔެވެ؟ ސަބަބު އެނގޭނަމަ، އެކަން ރަނގަޅުކުރުމަށް ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ ނުކުރެވޭ ނަމަ، ކުރާނެ ކަންތަކާމެދު ވިސްނައި އަވަހަށް މި މައްސަލަ ޙައްލު ކުރާށެވެ. މިއީ ދުވަސް ފަށައިގަންނަ ހިސާބެވެ. މިހިސާބުންގޮސް ދުވަސް ނިމުމާ ހަމައަށް ހިނގާ މިފަދަ ހުރިހާ ކަންކަމާ މެދު ވިސްނާ ނަފްސު ހިސާބު ކުރާށެވެ. އޭގެ ތެރޭގައި ޙައްޤުތަކާމެދުވެސް ވިސްނާލަން ވާނެއެވެ. އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާގެ މުސްލިމު އަޚުންނާއި އަމިއްލަ ނަފުސާއި މިނޫންވެސް އެބަޔަކަށް ތިބާގެ މައްޗަށް ޙައްޤެއްވާ އެންމެންގެ ޙައްޤުތަކަށް ސަމާލު ވެވޭތޯއެވެ.
ހަމަ އެފަދައިން ތިމާގެ ޢަމަލުތައް ހުންނަ ގޮތާމެދު ވެސް ވިސްނައި ނަފްސު ހިސާބުކޮށްލުން ވަރަށް މުހިންމެވެ. ޢަމަލުތަކޭ މިބުނެވުނީ ތިމާކުރާ ކަންކަން ވަނީ ﷲ ރުއްސަވާ ގޮތުގައިތޯ ނުވަތަ ނޫންތޯއެވެ. މާތް ﷲގެ ރުއްސެވުން ހޯދުމަށްޓަކައި އެއިލާހު އަހަރެމެންގެ މައްޗަށް ވާޖިބުކުރަށްވާފައިވާ ކަންކަން ބަރާބަރަށް ކުރަން ޖެހެއެވެ. އަދިވެސް އެއިލާހުގެ ރުއްސެވުމާއި ލޯބި ހޯދުމަށްޓަކައި، ސުންނަތް ޢަމަލުތައް ކުރުން ގިނަކުރުން ހުއްޓެވެ. އެހެނީ މިކަންތައްތަކުން ތިބާ އެއިލާހު ދެކެވާ ލޯބިވެސް ހާމަވެގެން ދެއެވެ. އެއްވެސް "ކޮމްޕަލްޝަނެއް" ނުވަތަ ވާޖިބު ކަމެއް ނެތި، އަދި އެކަމެއް ނުކުރުމުން ތިބާ އަށް އަޒާބުވެސް ނުލިބޭ ކަންކަން ތިބާ ތިޔަ ކުރަނީ ހަމަ އެއިލާހުގެ ރުއްސެވުމާއި ރަޙުމަތާއި ލޯތްބަށް އެދިގެން ނޫންހެއްޔެވެ؟
ހަމަ އެފަދައިން އެއިލާހު ނަހީ ކުރެއްވި ކަންކަމާއި މުންކަރާތްތަކުންވެސް ދުރުވާން ޖެހެއެވެ. ފާފަތަކަށް އަރައިގަތުމުން ދުރުވެ. ފާފައަކަށް އަރައި ގަނެވިއްޖެ ނަމަ، ލަސްނުކޮށް ތައުބާ ވާން ވާނެއެވެ. މިދުނިޔެއަކީ، އަބަދަށް ދެމިގެންވާ، ފަނާވުމެއް ނުވާ އަހަރެމެންގެ އާޚިރު މަންޒިލު ކަމަށްވާ ސުވަރުގެއަށް ދިއުމަށްޓަކައި މިކުރާ ދަތުރުގައި ހުރަސްކޮށްލާ ފާލަމެއް ފަދަ ތަނެކެވެ. ނުވަތަ ޒަމާނީ މިސާލެއް ގެންނަ ނަމަ ޓްރާންސިޓް ގައި އެއަރޕޯޓުގައި މަޑުކޮށްލުން ފަދަ ކަމެކެވެ. އާޚިރުގައި ބާއްޖަ ވެރިޔަކަށްވެ، ސުވަރުގެއަށް ދެވެންއޮތީ، މިދުނިޔޭގައި އެމަތިވެރި ގޮވަތި ހޯދުމަށް މަސައްކަތް ކޮށްގެންނެވެ. ސުވަރުގޭގައިވެސް ދަރަޖަތަކެއް ހުރެއެވެ. ﷲގެ ޙަޟުރަތުގައި އަހަރެމެންގެ ދަރަޖަ މަތިވެރިނަމަ ސުވަރުގޭގަވެސް މަތިވެރި ދަރަޖައެއް ލިބޭނެއެވެ.
މިހާ ހިސާބުން މިއައީ އެއްކަލަ "ބިލިޔަން ޑޮލަރުގެ ސުވާލު" ކޮށްލަންވީ ވަގުތެވެ. "ﷲގެ ޙަޟުރަތުގައި އަހަރެން ވާން ބޭނުންވަނީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟"
އާލު ޢިމްރާން ސޫރަތުގެ 163 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: ﴿ هُمْ دَرَجَاتٌ عِندَ اللَّهِ ۗ ﴾
މާނަ: "އެއުރެން، اللَّه ގެ ޙަޟުރަތުގައި ވަނީ ދަރަޖަތަކަކަށެވެ."
މިދެކެވެނީ ދަރަޖަ ތަކެއްގެ ވާހަކައެވެ. މާނައަކީ އޭގެ ތެރޭގައި އެންމެ މަތީ ދަރަޖައެއް ވާނެއެވެ. އެންމެ ދަށް ދަރަޖަ ވެސް ވާނެއެވެ. އެދެމެދުގައިވެސް ދަރަޖަތަކެއް ވާނެއެވެ. އަހަރެން އެތަނުން ބޭނުންވަނީ ކޮން ދަރަޖައެއް ހެއްޔެވެ؟
އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ،))
މާނަ: ތިޔަބައިމީހުން ﷲގެ ޙަޟުރަތުން ކަމަކަށް އެދޭނަމަ، އެއިލާހުގެ ޙަޟުރަތުގައި "އަލްފިރްދައުސް އަލް އަޢުލާ" އަށް އެދޭށެވެ. ފަހެ ހަމަކަށަވަރުން އެއީ ސުވަރުގޭގެ މެދެވެ. އަދި ސުވަރުގޭގެ އެންމެ މައްޗެވެ."
އެހެންކަމުން އެންމެ މަތީ ދަރަޖައަށް އެދި މަސައްކަތް ކުރާށެވެ. އަދި އަބަދުވެސް ދުވަހެއް ދުވަހަކަށް ތިބާގެ ޙާލަތު ރަނގަޅު ކުރަން މަސައްކަތްކުރާށެވެ. އަހަރެމެން ދުންޔަވީ ކަންކަމުގައި އެފަދައިން ދެކެމު ނޫންތޯއެވެ؟ މިސާލަކަށް އޮފީހެއްގައި މަސައްކަތް ކުރާ މީހަކުނަމަ އަބަދުވެސް ބޭނުންވާނީ އޮފީހުގައި ތިމާގެ ދަރަޖަ މަތިވެގެން ދިއުމެވެ. ޕްރޮމޯޝަނެއް ލިބި، މަތީ ދަރަޖައަކަށް ނުވަތަ މަތީ މަޤާމަކަށް ބަދަލުވެގަތުމެވެ. މި ފަނާވަނިވި ދުނިޔޭގައި އަހަރެމެންގެ ޚިޔާލު ހުރީ މިފަދައިން ކަމުގައި ވީއިރު، ފަނާވުމެއް ނުވާ، ތާއަބަދަށް ދެމިގެންވާ ދުނިޔެއަށްޓަކައި މިފަދައިން ވިސްނާނުލެވެނީ ކީއްވެތޯއެވެ؟
ﷲގެ ޙަޟުރަތުގައި މަތީ ދަރަޖައެއް ބޭނުންވާ މީހާ އެއިލާހު ކުރުމަށް އަމުރު ކުރައްވާ ކަންތައް ބަރާބަރަށް ކުރާނެއެވެ. އަދި އެއިލާހުގެ ނަބިއްޔާގެ ސުންނަތުގައި ވަރުގަދައަށް ހިފައި، އެސުންނަތް ޢަމަލުތައް ކުރުމަކީ ﷲގެ ރުއްސެވުމާއި ރަޙުމަތާއި ލޯބި ލިބޭ ކަންތައްތަކެއްކަން ދަނެގެން ސުންނަތް ޢަމަލުތައް ކުރުން ގިނަކުރާނެއެވެ. އަދި ފާފަތަކަށާއި މުންކަރާތްތަކަށް އަރައިގަތުމަކީ ﷲގެ ނުރުއްސެވުމާއި ކޯފާ އަހަރެމެންގެ މައްޗަށް ޙައްޤުވެދާ ކަންކަން ކަން ހަނދާނަށްގެނެސް އެފަދަ ނުބައި ކަންކަމުން ދުރުވާނެއެވެ. ސިއްރާއި ފާޅުގައިވެސް ފާފަ ތަކުން ދުރުވާނެއެވެ.
އަދި މިހިސާބުން ނިމުނީއެއް ނޫނެވެ. ކުރިން ޒިކުރު ކުރެވުނު އާޔަތުގެ އެއްބައި އަދި އެބަވެއެވެ. އެއީ: ﴿ ... وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ ﴾ (سورة آل عمران-163)
މާނަ: "... އަދި، اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
މިއާޔަތުގެ ކުރީކޮޅާއި ފަހަތުކޮޅު ގުޅި ލާމެހިލާ ގޮތުގެ ފުރިހަމަކަމާއެވެ. އަލްޙަކީމްގެ ކަލާމްފުޅުގައިވާ ޙިކުމަތްތެރިކަން ނިކަން ދެކި ހެކިވެ ބައްލަވާށެވެ. އެއިލާހުގެ ޙަޟުރަތުގައި ތިޔަބައިމީހުން ވަނީ ދަރަޖަ ތަކަކަށްކަން އެންގެވުމަށްފަހު އެއިލާހު އަހަރެމެންނަށް ހަނދާންކޮށްދެއްވަނީ، އަބަދުވެސް އެއިލާހު އަހަރެމެން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަމެވެ. ތިބާ ބޭނުންވަނީ އެންމެ މަތީ ދަރަޖަ ނަމަ ފާފައަކަށް އަރައިގަތުމަށް ޝައިޠާނާ ވަސްވާސް ދޭ ހިނދު އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. "އަހަރެން ބޭނުންވަނީ ކޮން ދަރަޖައެއް ހެއްޔެވެ." ހަމަ އެއާއެކު ހަނދާނަށަ ގެންނާށެވެ.
މިފާފަ އަށް އަރައިގެންފި ނަމަ، އެތަން ﷲ މޮޅަށް ބައްލަވާވޮޑިގެންވާނެތެވެ. އެއިލާހު އަހަރެމެން ކުރާ ކަންތައް މޮޅަށް ދެކެދެނެވޮޑިންވާ ޙާލު، ފާފަތަކަށް އަރައިގަނެގަނެފައި ބޮޑެތި، މޮޅެތި، މަތިވެރި ދަރަޖަތަކަށް އުންމީދު ކުރާނީ ކިހިނެއް ހެއްޔެވެ. އޮފީހުގައި ކަމެއް ނުކޮށް އަބަދު ފޭސްބުކަށް ވަދެ އިންނަތަން ބޮސް އަށް ފެންނައިރު ތިބާއަށް ޕްރޮމޯޝަނެއް ދީފާނެކަމަށް އުންމީދު ކުރާނަން ހެއްޔެވެ؟ އަދި މީސްތަކުންނަށް ފިލާ ތިބެ ގިނިކަންޏާ ފާފަތަކަށް އަރައިގަނެވޭނަމަ މާތް ﷲ ގެ މިއާޔަތް މާނައާއެކު ކިޔާލާ ތަދައްބުރު ކޮށްލަބަލާށެވެ.
ﷲ ވަޙީކުރައްވަނީ: ﴿ سْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ ﴾ (سورة النساء-108)
މާނަ: " އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ ޙަޟްރަތަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެއިލާހު އެއުރެންނާއެކު ވޮޑިގެންވެއެވެ."
އަދިވެސް އެއްފަހަރު ސުވާލު ކޮށްލާށެވެ: "ﷲގެ ޙަޟުރަތުގައި އަހަރެން ވާން ބޭނުންވަނީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!