ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު ކުރިމަތިލައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ސީއެސްސީން ޢާންމުކޮށް ހުޅުވާލީ ޖޫން 20 ވަނަ ދުވަހުއެވެ.
އެ އިދާރާއިން ވިދާޅުވީ ޖޫން 28 ގެ ނިޔަލަށް ސުންގަޑި ހަމަވިއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް 317 އެޕްލިކޭޝަން ލިބިފައިވާ ކަަމަށެވެ.
ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލިއިރު، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ.
އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ. އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!