މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި، މަސްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވަޒީފާއިން ވަކިކޮށްފިއެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫ އިސްވެރިޔަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޑރ. އިޔާޒް ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުމަކީ ވެސް ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ މިއަހަރުގެ މާރިޗްމަހު އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.
ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރުވެސް ދީފައެވެ.
އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!