މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުންް ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ގޮތް ދައްކުވައިދޭ ގޮތަށް ކުޅެފައިވާ ވީޑިއޯއެއް އާންމުކޮށް، އެމައްސަލަ އާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް އަނެއްކާވެސް އެދިއްޖެ އެވެ.

ތަހުގީގަށް މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ރީއެނެކްޓްމެންޓް ވީޑިއޯއެއް (ކަން ހިނގާދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯއެއް) އެކޮމިޝަނުން މިއަދު ވަނީ އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި ވަނީ ރިލްވާންގެ އެންމެ ފަހުގެ މަންޒަރުތަކާއި، ރަތް ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންދިޔަ ކަމަށް ދައްކުވައިދީފަ އެވެ.

Ad
rt

އެ ވީޑިއޯގައި 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވީ ބުރާސްފަތި ދުވަހުގެ ރޭ އޮތް ބައިބަލާ މުބާރާތުގެ ފައިނަލް މެޗު ބަލަން ރިލްވާން އޭނާގެ ރައްޓެހިންނާ އެކު އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ އޭނާގެ ގެއަށް ދިއުމަށް ހުޅުމާލެ ފެރީ ޓާމިނަލަށް ދާތަން ފެނެ އެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ، އެ ރޭގެ 10:00 އިން ފެށިގެން ބަޔަކު ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށާއި 8 އޮގަސްޓު 2014 ވަނަ ދުވަހުގެ ދަންވަރު 1:00ގެ ފެރީއަށް އޭނާ އެރި ކަމަށާއި ފެރީއަށް ހުޅުމާލެއަށް ދެވުނީ 1:30 ހާއިރު ކަމަށާއި ރިލްވާން ގެއަށް ދިޔައީ ފައި މަގުގައި ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. ރިލްވާންއަށް ހިނގާފައި ގެއާ ހަމައަށް ދެވޭނެ ކަމަށް އަންދާޒާ ކުރެވެނީ ދަންވަރު 1:45 ހާއިރު ކަމަށެވެ.

ވީޑިއޯގައި ރިލްވާން ގެއާ ހަމައަށް ދިޔަ އިރު، ރިލްވާން އެރުވި ކަމަށް ބެލެވޭ ރަތް ކުލައިގެ ކާރު، އެ މަގުގެ ކަންމަތީގައި މަޑުކޮށްގެން އޮތް މަންޒަރާއި ބަޔަކު ގަދަކަމުން ރިލްވާން އެ ކާރަށް އަރުވާ މަންޒަރު ދައްކަ އެވެ. އަދި ރިލްވާން ކާރަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވަޅިއެއް ވެއްޓޭ މަންޒަރު ދައްކަ އެވެ. އެ ވަޅި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްވައި، އެ ބޭރަށް ފޮނުވައިގެން ކޮމިޝަނުން ތަހުލީލުތަކެއްކުރި އެވެ.

މި ކާރާ ގުޅިގެން ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގި ނަމަވެސް، އެ މައްސަލަ ކުރިމިނަލް ކޯޓުގައި ސާބިތުވެފައެއް ނުވެ އެވެ.

މަރު ކޮމިޝަނުން ބުނީ، ރިލްވާން ވަގަށް ނެގި ރޭ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާގެ ހަގީގަތް އެނގޭނެ ބައެއް ފަރާތްތައް އާންމުންގެ ތެރޭގައި އަދިވެސް އުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން އެ ކަމުގެ މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒްވެސް ވަނީ ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް އާންމުން އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ލަސްނުކޮށް މައުލޫމާތު ހިއްސާ ކުރުމަށް އެދުނެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ، ރިލްވާން ވަގަށް ނެގި މައްސަލައިގަ ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ ހެކި ދެއްކޭނެ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމައިފަ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރަކުވެސް ރާއްޖެ ގެނެސްފައިވާ އިރު، މި މައްސަލަ އެއްކޮށް ނިންމުމަށް އަދި އެއް އަހަރު ބޭނުންވާ ކަމަށް މިދިޔަ މާރިޗު މަހު ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.