ކޯވިޑް-19 ބަލީގައި ރާއްޖެއިން 48 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ މެންދަމު 2:33 ގައެވެ.

Ad
rt

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 210 ވަނަ މީހާއެވެ.

މިމަހުގެ 24 ވަނަ ދުވަހުވެސް ވަނީ ޒުވާން އުމުރުގެ މީހެއް މިބަލީގައި ނިޔާވެފައެވެ. އެއީ 34 އަހަރުގެ މީހެކެވެ. އެމީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 50 އެވެ. ރާއްޖެއިން މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން ގިނައިން މިބަލީގައި ނިޔާވެފައި ވަނީ ދޮށީ އުމުރުގެ މީހުންނެވެ. 10 އަހަރުގެ ކުޑަކުއްޖަކުވެސް މިބަލީގައި ނިޔާވެފައިވާއިރު، ނިޔާވި އެންމެ ޒުވާން އުމުރުގެ މީހަކީ 25 އަހަރުގެ މީހެކެވެ.

ކޯވިޑް ބަލީގައި އިތުރު މިހަކު ރާއްޖެއިން ނިޔާވެފައިވާއިރު، ރާއްޖޭއިން މިހާތަނަށް 73،482 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 3،883 މީހުން ތިބިއިރު، މިހާތަނަށް 69،378 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 27 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.