ފަލިތަންޑަކީ ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑިއަށް ކިޔާ ނަމެކެވެ. ބޮއްކުރާގައި ބޭނުންކުރާ ފަލިތަންޑުގެ އާންމު ދިގުމިނަކީ ހަތަރު ފޫޓު ނުވަތަ ފަސް ފޫޓޫގެ މިންވަރެވެ.
ފަލިތަންޑު އާންމުކޮށް ހުންނަ ސިފައަށް ބަލައިލާއިރު އެ ހުންނަނީ ވަށްކޮށް އެއްކޮޅަށް ކުޑަކޮށް ހިމަވާގޮތަށް މަށާ ރީތިކޮށްފައެވެ. ކުދި އޮޑިތަކަށް ފަލިތަންޑު ހެދުމުގައި ބޭނުން ކުރެވޭ އެއް ބާވަތުގެ ލަކުޑިއަކީ ހިރުނދު ދަނޑިއެވެ. ހިރުނދަކީ ފަޅައިގެން ދިއުން ކުޑަ ލަކުޑިއެކެވެ.
އެދުރުބެއަކީ ކުޑަކުޑަ ބޮއްކުރައެއް ގެންގުޅޭ މީހެކެވެ. އެދުރުބޭގެ ބޮއްކުރައަށް ފައްޔެއް ހެދުމަށްޓަކައި، އެ ފައްޔަށް ބޭނުންވާ ތަންޑު ހަދަން ގަސްތުކޮށް ހިރުނދު ދަނޑިއެއް އެދުރުބެ ހޯދައިފިއެވެ. އަދި އެ ދަނޑި އެއްކޮޅަށް ހިމަވާނޭހެން ރީތިކޮށް މަށާ ހަދައިފިއެވެ.
އެއަށްފަހު ރީތިކޮށް އޭގެ ކޮޅު ބުރިކުރުމުގެ ގަސްތުގައި ކަތިވަޅިން ޖަހައި އެއްފަހަރުން އޭގެ ކޮޅު ބުރިކޮށްލައިފިއެވެ. ކައްޗަކަށް ބުރިވުމުގެ ސަބަބުން އެދުރުބޭގެ ހިތްހަމަ ޖެހޭގޮތެއް ނުވިއެވެ. އަނެއްކާވެސް ތެދަށް ކޮޅު ބުރިކޮށްލުމުގެ ނިޔަތުގައި ކަތިވަޅިން އެއްފަހަރުން ޖަހައި ކޮޅު ބުރިކޮށްލިއެވެ. އެފަހަރު ވެސް އެދުރުބޭގެ ހިތްހަމަ ޖެހޭހާ ރީއްޗަކަށް ކޮޅު ބުރިވާގޮތެއް ނުވިއެވެ.
އެދުރުބެއަށް ތަންޑުގެ ކޮޅު ތެދަށް ބުރި ނުކުރެވިގެން، ބުރިކުރަމުން ގޮސް ފަލިތަންޑަކަށް ބޭނުން ކުރެވޭވަރަށްވުރެ އެ ކުރުވެއްޖެއެވެ. އެންމެ ފަހުން އެދުރުބޭ އޭގައި ހެދިކަމަށް ވަނީ ރޮށިދަމާ ދަނޑިގަނޑެކެވެ.
އަލަށް މަސައްކަތެއް ފަށައިގެން އުޅޭ މީހަކާއި ދިމާއަށް ނުވަތަ އަލަށް މަސައްކަތެއް ކުރުމަށް ރާވާ މީހާއާއި ދިމާއަށް އޭނާއަށް އެ މަސައްކަތް ނޭނގޭނެ ކަމުގައި ބުނެ ދެރަކޮށްލުމުގެ ގޮތުން ތިކަން ދާނީ އެދުރުބޭގެ ފަލިތަންޑަށޭ ބުނެއުޅެއެވެ.
ބައެއް ބަސްބަހުގެ މާނަ:
ފަލި: ފުރާ ދުއްވާ އެއްޗެހި ކުރިއަށް ފޮނުވުމަށްޓަކައި ފެނުގައި އެޅުވުމަށް ތަންޑެއްގައި ދުލެއް ހަރުކޮށްފައި އޮންނަ އެއްޗެއް
ފަލިތަންޑު: ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި
ރޮށިދަމާ ދަނޑިގަނޑު: ރޮށި ދަމަން ގެންގުޅޭ ރޯލު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!