އިންޑިއާގެ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އެގައުމުން އުވާލި އުވާލުން ރުޖޫއަކޮށް ދިނުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން ކަޝްމީރުގެ ލީޑަރުން އެދިއްޖެެއެވެ.
މުސްލިމު ބޮޑު އާބާދީއެއް އޮންނަ ކަޝްމީރުގެ ލީޑަރުން މިގޮތަށް އެދުނީ، ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އިންޑިއާއިން އުވާލި ފަހުން ފުރަތަމަ ފަހަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ލީޑަރުންނާ ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުމުގައެވެ.
އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހެދީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
މިގޮތުން އިންޑިއާއިން ވަނީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށް ބަދަލުކޮށްފައެވެ.
ކަޝްމީރަށް ދީފައިއޮތް ހާއްސަ އިމްތިޔާޒްތައް އަތުލިފަހުން ވެސް އޭގެ ކުރިން ވެސް އެ ސްޓޭޓްގެ ބައިބޯ މުސްލިމް އާބާދީއަށް އިންޑިއާ މައިސަރުކާރުން އިހާނެތިކޮށް ހިތަމުން ދިޔުމުގެ ސަބަބުން އެ ސަރަހައްދުގައި ވަނީ އެތައް ހަމަނުޖެހުމެއް ވެސް ހިނގާފައެވެ.
އެ ހަމަނުޖެހުން ތަކާއެކު އެ ސަރަހައްދުގެ އެތައް އާންމުންނަކާއި ސިޔާސީ ލީޑަރުން ވެސް އެކި ފަހަރުމަތިން ހައްޔަރުކޮށްފައި ވެއެވެ.
ބޮޑުވަޒީރު މޯދީ، ޖައްމޫ އެންޑް ކަޝްމީރުގެ ލީޑަރުންނާއެކު ވެރިރަށް ނިއު ދިއްލީގައި މިއަދު ބައްދަލު ކުރަށްވާފައިވާއިރު، މޯދީއާ ބައްދަލު ކުރެއްވި ކަޝްމީރުގެ ލީޑަރުން ވިދާޅުވި ގޮތުގައި އެބޭފުޅުން ވަނީ ކަޝްމީރަކީ ވަކި ސްޓޭޓެއްގެ ގޮތުގައި އަނެއްކާވެސް ކަނޑައަޅައި، އެ ސަރަހައްދުގެ ކަންތައްތައް އަމިއްލައަށް ބެލެހެއްޓުމަށް މީގެ ކުރިން ދީފައި އޮތް ބައެއް ބާރުތައް އަލުން ދިނުމަށް އެދިފަ އެވެ.
އެބައްދަލުވުމާއިގުޅޭ ގޮތުން މޯދީ ވިދާޅުވެފައި ވަނީ، އެއީ އެ ސަރަހައްދުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!