އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ރާއްޖެ ދާންބޭނުންވާ ތަރައްގީގެ އުހަށް ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ވެސް ނޫން ކަމަށެވެ.
އެހެންކަންއޮތްއިރު، އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އުގައިލް ވިދާޅުވިއެވެ.
"އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟ މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް." އުގައިލް ވިދާޅުވިއެވެ.
ޕްރޮފެސަރު އުގައިލް މިމޭރުމުން ވިދާޅުވިއިރު މިސަރުކާރުގެ ހާރިޖީ އެންމެ ބޮޑު މިތުރަކީ އިންޑިއާއެވެ. ކުރީގެ ސަރުކާރުން ގާތްކުރީ ޗައިނާއެވެ.
އިންޑިއާގެ ލޯނުތަކުން ރާއްޖޭގައި ބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގަން ތައްޔާރުވަމުންދާއިރު، މިހާރު ވެސް ދަނީ މަޝްރޫޢުތައް ހިންގަމުންނެވެ.
އުގައިލް ވެސް ނިސްބަތްވެ ވަޑައިގަންނަވާ އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފައިވާއިރު، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭ ކަމަށާއި އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަންޖެހޭ ކަމަށް ވެސް އުގައިލް ވަނީ ކުރިން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!